އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުކުރުމާއެކު، ރާއްޖެއަށް "ބޮޑު ބަދަލު" ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ނަޝީދާ އެކު ބޮޑު ބަދަލު ކެމްޕެއިންގައި އިސްކޮށް ހުންނެވި ފައްޔާޒު މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އިންތިހާބުގައި ނަޝީދަށް ލިބިވަޑަގެން ކާމިޔާބީ ފާހަގަކުރައްވައި، އެ މަނިކުފާނަށާއި އެމްޑީޕީގެ މެންބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ފައްޔާޒް ވިދާޅުވީ ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި ފައްޔާޒް ވަނީ އެ ކެމްޕޭނުގައި ބުރަކޮށް މަސައްކަތް ކޮށްފައިވާ ކެމްޕޭން ޓީމަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެއިތުރުން، އިންތިހާބުގައި ބައިވެރިވެ ވޯޓު ދީފައިވާ އާންމު މެންބަރުން ސާބިތުކޮށްދިނީ އެމްޑީޕީގެ މިސްރާބު ކަނޑައަޅައިދޭ، އެ ޕާޓީގެ ވިންދަކީ އާންމު މެންބަރުން ކަން ކަމުގައި ފާހަގަކުރައްވައި، އިންތިހާބުގައި ބައިވެރިވެ ވޯޓު ދީފައިވާ ހުރިހާ އާންމު މެންބަރުންނަށް ވެސް އޭނާ ޝުކުރުއަދާކުރައްވާފަ އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ ރާއްޖެ އިސްކޮށް ދީފައިވަނީ މުހިންމު ވޯޓެއް ކަމަށެވެ.

ފައްޔާޒް ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދެއްވާފަ އެވެ. އަދި ދެން އޮތީ އެންމެން އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން ކަމަށާއި، ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް ކާމިޔާބުކުރާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ހަމަމިއާއެކު އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވާފައިވާ ކަމަށާއި ރައީސް ނަޝީދަށް ދީފައިވާ ވޯޓާއެކު "ބޮޑު ބަދަލު" މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފެށިގެން ގޮސްފައިވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ "ބޮޑު ބަދަލު" އިއުލާނު ކުރައްވާފައިވަނީ، ފައްޔާޒާ ގުޅިގެންނެވެ. އެ ދެ ބޭފުޅުން އޭރު ވިދާޅުވެފައިވާ ގޮތުގައި، ޗެއާޕާސަންކަމަށް ނަޝީދު ކުރިމަތިލެއްވީ، 2028ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، އެމްޑީޕީއަށް އަލުން ވެރިކަން ހޯދައި ދިނުމަށެވެ.

އެގޮތުން ފައްޔާޒްގެ ވެރިކަމެއްގައި، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމުގެ ވިސްނުން ވަނީ ހާމަކުރައްވައިފަ އެވެ.