އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފި އެވެ.
އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ، މިއަދު މެންދުރު 14:30 އިން މިރޭ 9:00 އާ ހަމައަށެވެ.
މި އިންތިޚާބުގައި ވާދަކުރެއްވީ ރައީސް ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ. މީކާއީލް ނުކުމެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއީދާ އެކުއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ރައީސް ނަޝީދެވެ. އެމަނިކުފާނާ ވާދަކުރައްވާ މީކާއިލްއަށް މިހާތަނަށް ލިބިވަޑައިގެންނެވީ، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ވޯޓުގެ ދެބައިކުޅަ އެއްބައި ވޯޓެވެ.
މި އިންތިޚާބުގެ ވޯޓުލުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދިޔަ އިރު، ސްރީ ލަންކާގައި ދިރިއުޅޭ އެ ޕާޓީގެ މެމްބަރުންނަށް ވޯޓު ލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ލަންކާގައި އެއް ފޮށި ހިމެނޭހެން ޖުމްލަ 241 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީފީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ފ. ފީއަލީ ވޯޓުލާ މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ނަގައިގެން ގެންގޮސް، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ވަނީ ފަޅާލާފަ އެވެ.
އެނގިފައިވާ ގޮތުގައި، ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ނަގައިގެން ގެންގޮސްފައިވަނީ އެރަށުގައި ގެންގުޅޭ ވޯޓާސް ލިސްޓުގެ މައްސަލައިގައެވެ. އަދި ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި މީހަކު ފަޅާލާފައިވަނީ، ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރުމުގެ ހުއްދަ ނުލިބުމުން ހިތްހަމަނުޖެހިގެން ކަމަށް މައުލޫމާތުލިބެއެވެ.