މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް)އިން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 17:00 އިން މިރޭ 21:00 އާ ހަމައަށެވެ.

މެޓް އިން ވަނީ ރީނދޫ ސަމާލު ނެރެފައިވާ ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓްއިން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބޭރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އިން ބުނެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވެ ރާޅު އުސްމިނުގައި 4-7 ފޫޓު އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ރާޅު އުސްމިނުގައި 3-5 ހުންނާނެ ކަމަށް މެޓް އިން ވަނީ ބުނެފައެވެ.