ފ. ނިލަންދޫއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވައިފައިވާ، އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު "އެކްސް"ގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވީ ފ. ނިލަންދޫއަށް ބޮޑެތި ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކޮށްދެއްވައިފައިވާ، އަދި ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1992 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ އަޙްމަދު މޫސާ ޢުމުރުފުޅުން 100 އަހަރުގައި އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުންއަސަރުތަކެއް އިހްސާސްކުރެއްވުނު ހަބަރެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ނިލަންދޫގެ ކަތީބުކަމުގައި އެ ރަށަށް ކަތީބު ދޮންބެ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި އެ މަރްހޫމުގެ އަމާނާތްތެރިކަމާއި ހިތްޕުޅު ހެޔޮކަމާއި އެތައް މަސައްކަތެއް ކުރެއްވުމުގެ ހުނަރާއި މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތަކީ މުޅި ދިވެހިރާއްޖެއަށް ރީތި ނަމޫނާއެއް ކަމަށެވެ. އަދި އުފަން ދަރީންނާއި ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައިވެސް ވަރަށް ތަޢުލީމީ ޤާބިލް އެތައް ޚިދުމަތްތެރީންނެއް ތިއްބެވިކަމީ ޙަޔާތުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މަރްޙޫމް އަޙްމަދު މޫސާގެ ލޮބުވެތި ޢާއިލާއަށާއި ފ. ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަހްމަތުގައި މަރްޙޫމް ލެހެއްޓެވުމަށް އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.