އެމްޑީފީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ފ. ފީއަލީ ވޯޓުލާ މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ނަގައި، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައިފިއެވެ.

އެނގިފައިވާ ގޮތުގައި، ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ނަގައިގެން ގެންގޮސްފައިވަނީ އެރަށުގައި ގެންގުޅޭ ވޯޓާސް ލިސްޓުގެ މައްސަލައިގައެވެ. އެގޮތުން ފީއަލީގައި ގެންގުޅެނީ އެމްޑީޕީން އާންމު ކުރި ލިސްޓު ނޫން ކަމަށް ބުނެ، ކެންޑިޑޭޓު މީކާއީލް އަހްމަދު ނަސީމްގެ ޓީމުން އެ މައްސަލަ ވަނީ ރަސްމީކޮށް ހުށަހަޅައިފައެވެ.

ފީއަލީ ވޯޓުލާ މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ނަގައިގެން ގެންދާތަން ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މީގެއިތުރުން، ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި މީހަކު ފަޅާލާފައިވަނީ، ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރުމުގެ ހުއްދަ ނުލިބުމުން ހިތްހަމަނުޖެހިގެން ކަމަށް މައުލޫމާތުލިބެއެވެ.

އެމްޑީފީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު 2:30 ގައެވެ. އެ ޕާޓީން ބުނީ މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ ކަމަށެވެ.

މިއަދުގެ އިންތިހާބުގައި އެމްޑީޕީން ވަނީ 241 ވޯޓު ފޮށި ބަހައްޓާފަ އެވެ. އޭގެ ތެރެއިން އެއް ފޮށި ބަހައްޓާފައިވަނީ ސްރީ ލަންކާގަ އެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.