ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ޗެކް ރިޕަބްލިކުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-1 އިން ދެކުނު ކޮރެއާ މޮޅުވެއްޖެ އެވެ.

ޗެކް ރިޕަބްލިކާއި ދެކުނު ކޮރެއާ ވާދަކުރާ، ގްރޫޕް އޭގެ ފުރަތަމަ މެޗުން ރޭ މެކްސިކޯ އިން ވަނީ ދެކުނު އެފްރިކާ އަތުން 2-0 އިން މޮޅުވެފަ އެވެ.

އެސްޓަޑިއޯ އަކްރޮންގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކުން ދިޔައީ ލިބޭ ފުރުސަތުތަކުގައި ގޯލެއް ޖެހޭތޯ މަސައްކަތްކުރަމުންނެވެ. އެ ގޮތުން، ދެކުނު ކޮރެއާގެ ކެޕްޓަން، ސޮން ހެއުން މިން އަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ފުރަތަަމަ ހާފުގައި ހިފިފައިނުވާއިރު، ދެ ވަނަ ހާފުގެ ކުރީކޮޅުގައި، އޭނާ ފޮނުވާލި ހަމަލާއެއް ޗެކް ރިޕަބްލިކްގެ ކީޕަރު، މަޓޭޖް ކޯވާ ވަނީ މަތަކޮށްފަ އެވެ.

ދެކުނު ކޮރެއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފިދިޔައިރު، ޗެކު ރިޕަބްލިކުން ވަނީ 49 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ލަޑިސްލާވް ކްރޭޗީ އެވެ. މިއީ، އެ ޓީމުގެ ވްލަޑިމީ ސޯފާލް ދިގު އެއްލުމަކުން އެއްލި ބޯޅައަކަށް އަރައި، ކްރޭޗީ ބޮލުން ޖެހި ގޯލެކެވެ. ދާދި ފަހުން ޗެކް ރިޕަބްލިކްގެ ކެޕްޓަން ބޭންޑް ހަވާލުކުރި ކްރޭޗީ ވަނީ މާޗް މަހު ކުޅުނު ވޯލްޑް ކަޕް ޕްލޭއޮފް ދެ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

ބަދަލުތަކެއް ގެނެސްގެން ދެކުނު ކޮރެއާ އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް 67 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހްވާން އިން ބިއުމް އެވެ. މިއީ، ލީ ކަންގް އިން ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، ކީޕަރު ކޯވާ ކައިރިން ނައްޓާކުމަށް ފަހު، ހްވާން އިން ބިއުމް ހަމަޖެހިލައިފައި ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 77 ވަނަ މިނިޓްގައި ޗެކް ރިޕަބްލިކުން ދެ ވަނަ ލަނޑެއް ޖެހި އެވެ. އެހެން ނަމަވެސް، ހިލޭޖެހުމަކުން ޗެކް ރިޕަބްލިކުގެ ތޯމަސް ސޯޝެކް މި ލަނޑު ޖެހިއިރު، ހުރީ އޮފްސައިޑްގައި ކަމަށްވާތީވެ، އެ ގޯލު ބަލައިނުގަންނަން ރެފްރީ ވަނީ ނިންމައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ދެކުނު ކޮރެއާ އިން ވަނީ ލަނޑު ޖަހައި، ލީޑުނަގައިފަ އެެވެ. އޭރިއާތެރެއަށް ނަގައިިދިން ބޯޅައަކަށް އަރައި މި ލަނޑު ޖެހީ ހުއޮންހްޔޫ އެވެ. ވެއްޓިގެންފައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ކޯވާ ގައިގައި ޖެހިފަ އެވެ.

ޗެކް ރިޕަބްލިކަށް އެއްވަރުކޮށްދޭން 82 ވަނަ މިނިޓްގައި އެޑަމް ހްލޯޒެކް ފޮނުވާލި ބޯޅަ ދެކުނު ކޮރެއާ ކީޕަރު، ސެއުން ގިޔުން ކިމް ވަނީ މަތަކޮށްފަ އެވެ.