ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ކުންމިންގ ގައި މި މަހުގެ 11 ން 12 އަށް ބޭއްވި 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އިރުތިޝާމް ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ކުންމިންގ އިން މިއަދު ފުރާވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު އިރުތިޝާމް 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަގުވާމީ ސުލްޙަ އާއި ހަމަޖެހުން ޤާއިމްކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި މިކަން ޙާޞިލް ކުރުމުގައި ސަރަޙައްދީ ގުޅުމުގެ މުހިއްމުކަން ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ މުޖްތަމަޢުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވައި ލެއްވިއެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މިނިސްޓަރު އިރުތިޝާމް ވަނީ 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެގްޒިބިޝަން ބައްލަވާލައްވާފައެވެ. އަދި މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ވެސް މިނިސްޓަރު ޒިޔާރަތް ކުރެއްވިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު އިރުތިޝާމް، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ޔޫބޯއާވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ކުރިޔަށް އޮތް ތަނުގައި ގުޅުން އިތުރުކުރެވިދާނެ ދާއިރާތަކާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެއުތުރުން، މިނިސްޓަރު އިރުތިޝާމް ޔުނާން ޔުނިވަރސިޓީއަށް ވަޑައިގެން، އެ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ފެކަލްޓީގައި މަސައްކަތް ކުރައްވާ ދިވެހި ޕްރޮފެސަރ އާ ބައްދަލުކުރެއްވިއެވެ. އަދި ދަރިވަރުންގެ ކިޔެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ދިމާވާ ދަތިތައް އޮޅުންފިލުއްވިއެވެ. މިނިސްޓަރު އިރުތިޝާމް ވަނީ އެ ދަރިވަރުންނަށް ހިތްވަރު ދެއްވައި، ކިޔެވުމުގައި ކާމިޔާބީއާ ހަމައަށް ވާޞިލްވުމަށްޓަކައި ގަދަ އަޅައި މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރު އިރުތިޝާމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް ބައިވެރިވެވަޑައިގެންނެވިއެވެ.