ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފިއެވެ.
މާލޭގެ މަގުތަކުން ފެންބޮޑުވަމުންދާތީ އެމްއެންޑީއެފުން ދަނީ ތިން ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ މާފަންނު ވެސްޓް ޕާކު ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދު އަދި ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދެވެ.
ރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ރީނދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ވ އަތޮޅަށެވެ.
ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭ ގެ ހުރިހާ ހިސާބަކަށްވެސް ކެރީގެ އަސަރުކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި އުތުރާ މެދު ރާއްޖެތެރެއަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިއަދު ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަން ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކުރެއެވެ.