ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް 30 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ސައުތު ކޮރެއާގެ ކޯޓަކުން ޔޫން ސުކްގެ މައްޗަށް އެގޮތަށް ހުކުމްކޮށްފައި ވަނީ، 2024 ވަނަ އަހަރު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު (މާޝަލް ލޯ) ދިފާއުކުރުމަށްޓަކައި، އުތުރު ކޮރެއާގެ ވައިގެ ސަރަހައްދަށް އަސްކަރީ ޑްރޯންތަކެއް ފޮނުވި މައްސަލައިގައެވެ.
ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، ޔޫން އުތުރު ކޮރެއާ ރުޅިއަރުވައި، ގައުމީ ފެންވަރުގެ ކާރިސާއެއް އުފެއްދުމަށްފަހު، އެކަމުގެ ބޭނުން ހިފައިގެން މާޝަލް ލޯ އިއުލާންކުރި ކަމަށެވެ. އަދި އޭނާގެ މި އަމަލަކީ އަމިއްލަ މަންފާއަށްޓަކައި ގައުމީ އަސްކަރީ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށްވެސް ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި 30 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކުރެވުނުއިރު، މީގެ ކުރިން މާޝަލް ލޯ އިއުލާންކޮށް ގައުމީ ހަމަނުޖެހުން އުފެއްދި ކަމުގެ ކުށުގައި އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ. އެ މައްސަލަ އޭނާ މިހާރު ގެންދަނީ އިސްތިއުނާފު ކުރަމުންނެވެ.
ނަމަވެސް ޔޫންގެ ދިފާއީ ވަކީލުން މި ތުހުމަތުތައް ދޮގުކުރެއެވެ. އެ ފަރާތުން ބުނާގޮތުގައި ޑްރޯންތައް ފޮނުވީ އުތުރު ކޮރެއާއިން ކުނި އަޅާފައިވާ ބެލޫންތައް ދެކުނު ކޮރެއާއަށް ފޮނުވަމުން ދިޔުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުންނެވެ.
އަދި އޭނާ މާޝަލް ލޯ އިއުލާންކުރީ ހަމައެކަނި "ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި" ކަމަށްވެސް ޔޫންއާ ހަވާލާދީ ވަކީލުން ބުނެއެވެ.
ނަމަވެސް، ކޯޓުން ވަނީ ރައީސަކަށް ލިބިދޭ ގާނޫނީ ބާރުތަކަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންކުރަންޖެހޭ ބާރުތަކެއް ކަމަށާއި، ޔޫން އެ ބާރުތައް ބޭނުންކޮށްފައިވަނީ ނުބައި މަގްސަދުތަކެއް ހާސިލުކުރުމަށް ކަމަށް ކަނޑައަޅާފައެވެ.