ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ޙުތުބާގައި ހިޖުރައިގެ ޢިބުރަތްތަކަށް އަލި އަޅުވާލައި ބުނީ ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު ކީރިތި ރަސޫލާ މައްކާއިން މަދީނާއަށްކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ހިޖުރައިގެ މާނައަށް ވިސްނާ އިރު ޚިޔާލަށް އަންނަ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށްދިއުން ކަމަށްވީ ނަމަވެސް އެއަށް ވުރެ މާފުޅާ މާނައެއް ހިޖުރައިގައި ވާ ކަމަށް ޙުތުބާގައި ބުނެފައިވެއެވެ. އަދި އެއީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޙުތުބާގައި ވަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު ޢިބުރަތްތަކަކާއި ދަރުސްތަކެއް ވާކަން ފާހަގަކޮށް، ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށް ބުނެފައެވެ.

ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. އެ ގޮތުން ބަލާ އިރު ކީރިތި ރަސޫލާ z އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ގާތްތިމާގެ ބޭފުޅުންނާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ދެންނެވި ކަންކަން، އިސްލާމްދީނުގެ ދިފާޢުގައި ޤުރުބާންކުރައްވައިފައެވެ."

މިއަދުގެ ހުކުރު ޙުތުބާ

ހުކުރު ޙުތުބާގައި އިތުރަށް ބުނީ ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުން ކަމަށެވެ.

މި ގޮތުން ބަހާލެވިފައިވާ މަސައްކަތްތަކުގެ ތެރެއިން އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރީން ދަތުރުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުމެވެ. މިއީ ފުރިހަމަ ސިއްރިޔާތުގައި ކުރެއްވި ކަމެކެވެ."

މިއަދުގެ ހުކުރު ޙުތުބާ

މިނޫންވެސް އިތުރު ބައިވަރު ފިލާވަޅުތަކެއް ހިޖުރައިން ލިބޭ ކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހުތުބާގައި ވަނީ މަގުފުރެދުންތަކުން އެއްކިބާވެ މާތް ނަބިއްޔާ ދެއްކެވި ތެދުމަގަށް ހިޖުރަކޮށް ސާބިތުވެ ތިބޭ ބަޔަކުކަމުގައި ލެއްވުމަށް އެދި ދުއާ ކޮށްފައެވެ.