ޒުވާނުން ބިނާކުރުމަކީ މުސްތަޤުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މެލޭޝިޔާގައި ކުރިއަށްދާ ބައިނަލްއަގުވާމީ ޒުވާނުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު މެލޭޝިއާއަށް ވަޑައިގެންނެވީ 3ވަނަ އިންޓަނޭޝަނަލް ސަމިޓް އޮފް ރިލިޖަސް ލީޑާސް 2026 ގައި ބައިވެރިވެވަޑައިގަތުމަށެވެ.
ވަޒީރުގެ ޕޯސްޓުގައި ވިދާޅުވީ، ޒުވާނުން ބިނާކުރުމަކީ މުސްތަޤުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
އެގޮތުން އިލްމާއި، އަހްލާގާއި، ހުނަރުން ޒުވާނުން ބާރުވެރިކުރުވުމަކީ މި ޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލައި، ޑިޖިޓަލް އިންގިލާބާއި އާޓިފިޝަލް އިންޓެލިޖެންސްގެ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް އޮތް މަގުކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ، ކޮންފަރެންސް އިންތިޒާމުކުރެއްވި ފުރިހަމަކަމަށްޓަކައި މެލޭޝިޔާ ސަރުކާރަށާއި، ބޮޑުވަޒީރު ޑރ. އަންވަރު އިބްރާހީމަށާއި، މެލޭޝިޔާގެ ދީނީ ކަންކަމާ ބެހޭ ވުޒާރާއަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ޒަޢާމަތުގައި، އިސްލާމްދީނާއި މުސްލިމުންގެ ޚިދުމަތުގައި ސައުދީ އަރަބިއްޔާއިން ކުރައްވާ މަސައްކަތްތަކަށާއި، މެދުމިންކަމާއި، އިންސާފާއި، އެކުގައި އުޅުމާއި، އަދި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކޮށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.