މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެތަން ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ޖާގަ އިތުރުކޮށް އަމިއްލަ ވިޔަފާރިތަކަށް ވެސް އެތަނުން ފުރުޞަތު ލިބޭނެހެން "ހައިޕަމާކެޓް" ކޮންސެޕްޓްގައި އަލުން ހުޅުވާފައިވަނީ 2022 ވަނަ އަހަރުގައެވެ.

މިހާރު މިވަނީ އެތަނުގެ ފުރަތަމަ ފަންގިފިލާ ހުޅުވާފައެވެ.

ތަފާތު އެކި ބްރޭންޑުތަކުގެ ތަކެތި އެތަނުން ލިބެން ހުރިއިރު އަމިއްލަ ބައެއް ވިޔަފާރިތަކުގެ ތަކެތިވެސް އެތަނުން ލިބެން ހުންނާނެއެވެ.

އަމިއްލަ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ "ޕީކަބޫ" އަދި "ޕްރޮކިއުރ ޕްލަސް" ފަދަ ތަންތަނުގެ އުފެއްދުންތަކާއި ތަފާތު ގިނަ ބްރޭންޑްތައް އެތަނުން މިހާރު ލިބެން ހުންނާނެއެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ މުޅިން އައު ދެ ބްރޭންޑެއްވެސް ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށްފައެވެ.

އެގޮތުން "ސުންމީ" ބްރޭންޑް ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއަރޕާރސަން އާމިރު މަންސޫރެވެ. އަދި "ފިލިޕްސް" ބްރޭންޑުގެ އެއަރ ކޮންޑިޝަނަރ ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝިމާދު އިބްރާހިމްއެވެ.

އެސްޓީއޯގެ ޚިދުމަތްތައް ފުޅާކޮށް އައުޓްލެޓްތައް އިތުރުކުރަމުންދާއިރު، ރޭ އަލަށް ހުޅުވިގެން މިދިޔައީވެސް މުހިންމު ތަނެކެވެ.

އެސްޓީއޯއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތް ފުޅާކުރުމުގެ ގޮތުން އައުޓްލެޓްތައް އިތުރުކުރަމުންނެވެ.