ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން 137 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

އިއްޔެ ހަވީރު އައްޑޫ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު، ހަސަން ރަޝީދެވެ.

މި ރަސްމިއްޔާތުގައި، ވަޒީރު ހަސަން ރަޝީދު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ. އަދި ވަޒީރު ވަނީ ދަރިވަރުންނާ މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް މުހައްމަދު ނަޒީހު ރަޝީދެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ހަސަން މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ޕްރައިވެޓް އައިޝަތު ރަނާ އަބްދުއް ރަހްމާނެވެ. އަދި ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ޕްރައިވެޓް އަނޫސް މުހައްމަދު ހާސިލުކުރި އިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަރ އިނގިރޭސި އުމަރު މަނިކު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މުހައްމަދު ރަޒާން އަލީ ޒާހިރު އެވެ.

މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު ކޯޕްރަލް ހުސައިން އާދަމް ކޮމްޕެނީގެ ސިއެރާ ޕްލެޓޫނެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން، މި އަހަރުގެ މާޗު ހަތްވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގަ އެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ އަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ހުސައިން އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި، ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ނަސްރުﷲ ވަސީމް އަދި، ސިފައިންގެ އޮފިސަރުންނާއި ކޯހުގެ މުދައްރިބުންނާއި، ކޯހުގެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް އިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަހްލާގު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ މީހަކަށް ހެދުމާ އެކު، ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނައިދިނުމަށެވެ.