ހުކުރުދުވަހެއްގެ މެންދުރުގަޑިއެވެ. ސިޓިންގ ރޫމްގެ ޓީވީން ޚުތުބާގެ އަޑުއިވެއެވެ. ބަދިގޭގައި ކައްކަނީއެވެ. ނަވެސް ކޮޓަރި އެނދުގައި އޮތް އުމުރުން 14 އަހަރުގެ ކުއްޖާ އޮތީ އެ އަޑުތަކާ މާ ދުރުގައެވެ. އޭނާގެ އިނގިލި ހަރަކާތްކުރަނީ ހަލުވިކަމާއެކު ޓިކްޓޮކްގެ ވީޑިއޯތައް މަތިމައްޗަށް ސްކްރޯލްކުރުމުގައެވެ.
މިއީ މިއަދުގެ ދިވެހިރާއްޖޭގެ ކޮންމެ ގެއަކުން ފެންނަ އާންމު މަންޒަރެކެވެ. ޒުވާނުންނާއި ކުޑަކުދިންގެ ކަންފަތަށް މިއަދު އެންމެ ފަރިތައީ ނޮޓިފިކޭޝަންތަކުގެ އަޑެވެ. ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ގާނޫނީ ފިޔަވަޅުތަކެއް އަޅަން ނިންމި ނިންމުމާއެކު، ގިނަބަޔަކު މިއަދު ވަނީ ބޮޑު ބަހުސެއްގެ ތެރެއަށް ވެއްޓިފައެވެ.
މިއީ ހަގީގަތުގައިވެސް ކުރަންޖެހޭކަމެއް ހެއްޔެވެ؟ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ފައިދާތަކެއްވޭ ހެއްޔެވެ؟ މި ބަހުސަށް ބަލާއިރު، އިންޓަނެޓަކީ ހަމައެކަނި "ނުބައެއް" ނޫނެވެ. ދުނިޔެއާ އެކަހެރިވެފައިވާ ރާއްޖޭގެ ރަށްތަކުގެ ކުދިންނަށް، ޑިޖިޓަލް ދުނިޔެއަކީ ބޮޑު ރަހުމަތެކެވެ. މިއަދު މާލޭގައި ހުރި ކުއްޖަކާއި، ހުވަދޫ އަތޮޅުގެ އެކަހެރި ރަށެއްގައި ހުރި ކުއްޖަކަށް ލިބޭ ތައުލީމީ ފުރުސަތު ހަމަހަމަކޮށްދިނީ މި ދެންނެވި އިންޓަނެޓެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ އުފެއްދުންތެރިކަން އިތުރުވެއެވެ. ކޮމްޕިއުޓަރު ކޯޑިން ދަސްކުރުމާއި، ގްރެފިކް ޑިޒައިން ކުރުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކުވެރިންނާ ގުޅިގެން މައުލޫމާތު މުއްސަނދިކުރުމުގެ ފުރުސަތު ލިބެއެވެ. އެކަހެރިވެ، ވާހަކަދައްކަން ނުކެރިފައި ތިބޭ ކުދިންނަށް އަމިއްލަ ޝުއޫރު ފާޅުކުރާނެ މާހައުލެއް އޮންލައިން ފްލެޓްފޯމްތަކުން ހޯދައިދެއެވެ. އެހެންކަމުން، މިއީ ހަމައެކަނި ކުޅޭކުޅޭ އެއްޗެއް ނޫނެވެ. މިއީ މުސްތަގުބަލުގެ ބިނާއެވެ.
ނަމަވެސް، މި އުޖާލާ ފަރާތުގެ ފުރަގަހުގައި އޮތީ ބިރުވެރި އަނދިރިކަމެކެވެ. ކުޑަކުދިންގެ ސިކުނޑިތައް ވަނީ "އަލްގޮރިދަމް" ތަކެއްގެ އަޅަކަށް ވެފައެވެ. ލައިކްސް އަދި ވިއުސް ހޯދުމުގެ ދަހިވެތިކަމުގައި، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ދަނީ ފުނޑުފުނޑުވަމުންނެވެ. އެހެން މީހުން ދައްކާ ފޭކް ދިރިއުޅުމާ އަޅާކިޔައި، އަމިއްލަ ސިފައާމެދު މާޔޫސްވުމާއި ބޮޑީ ޑިސްމޯފިއަރގެ ސަބަބުން ޑިޕްރެޝަނަށް ދިއުން ވަނީ ރާއްޖޭގެ މުޖުތަމައުގައި އިންތިހާއަށް އިތުރުވެފައެވެ.
މިއަށްވުރެ މާ ބިރުވެރި ކަމަކީ އޮންލައިންކޮށް ކުދިންނަށް ކުރިމަތިވާ ފުރާސާއާއި ގޯނާތަކެވެ. "ސައިބަރ ބުލީންގް" ގެ ސަބަބުން ކުދިންގެ ފުރާނައަށް ގެއްލުންވާ ހިސާބައްވެސް ދެއެވެ. މީގެ އިތުރުން، ކާކުކަން ނޭނގޭ ނުރައްކާތެރި މީހުން، ކުޑަކުދިން ހައްލައިގެން ބްލެކްމެއިލް ކުރުމާއި، ނާޖާއިޒު ފައިދާ ނެގުން ވަނީ ބިރުވެރިކަމަކަށްވެފައެވެ. ރޭގަނޑުގެ ނިދި ނަގާލާފައި ފޯނަށް ގެއްލިފައި ތިބުމުގެ ސަބަބުން، ކުދިންގެ ކިޔެވުމާއި، ސިއްހަތާއި، އާއިލީ ގުޅުންތައް މިއަދު ވަނީ ނެތިގެންގޮސްފައެވެ. މީގެ ސަބަބުން ނަފްސާނީ ސިއްހަތުގެ އިތުރުން ޖިސްމާނީ ދުޅަހެޔޮކަމަށް ވެސް ބުރޫއަރައެވެ. މި ހިސާބުން އުފެދޭ ސުވާލަކީ، ހަމައެކަނި ގާނޫނަކުން ސައިޓް ނުވަތަ އެޕްތައް "ބްލޮކް" ކޮށްލައިގެން މިކަން ހައްލުވާނެ ހެއްޔެވެ؟
ޓެކްނޮލޮޖީއަށް ލޯހުޅުވިފައިވާ މިއަދުގެ ކުދިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ނުވަތަ އުމުރު ދޮގުކޮށްގެންވެސް މި ފްލެޓްފޯމްތަކަށް ވަންނާނެއެވެ. އެހެންކަމުން، މިއީ ހަމައެކަނި ސަރުކާރެއްގެ ފިޔަވަޅަކުން ނިންމާލެވެން އޮތް ކަމެއް ނޫނެވެ. މިއީ މައިންބަފައިންގެ ޒިންމާ އިތުރުކުރަންޖެހޭ ވަގުތެވެ. ކުދިންނަށް ޑިޖިޓަލް ދުނިޔޭގައި އުޅޭނެ ރައްކާތެރި ގޮތްތައް ދަސްކޮށްދޭން ޖެހެއެވެ.
ހަމައެއާއެކު، ފޯނުން ބޭރުގައި، ކުދިން އުޅޭ އެހެން ހަރަކާތްތަކުގައި ބައިވެރިވެހަދާނެ ހިތްފަސޭހަ މާހައުލުތަކާއި ކުޅިވަރުގެ ދާއިރާތައް ގާއިމުކޮށްދޭން ޖެހެއެވެ. ކުޑަކުދިން ސޯޝަލް މީޑިއާގެ ނުރައްކަލުން ސަލާމަތްކުރުމަކީ، އެކުދިން ޓެކްނޮލޮޖީއާ މުޅިން ދުރުކުރުމެއް ނޫނެވެ. އެއީ އެކުދިންގެ އަތުން ބީވަމުންދާ ކުޑަކުދިންގެ މައުސޫމް ދުނިޔެ، އެކުދިންނަށް އަނބުރާ ހޯދައިދިނުމެވެ. ސްކްރީނުގެ އަޅަކަށްވުމުގެ ބަދަލުގައި، ސްކްރީނުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ޖީލެއް ބިނާކުރުމެވެ. މިއީ މިއަދު އަޅުގަނޑުމެން އެންމެން ގުޅިގެން ކުރަންޖެހިފައިވާ ގައުމީ މަސައްކަތެކެވެ. ހަމައެކަނި ގާނޫނަކުން ހައްލުކުރެވޭނެކަމެއްނޫނެވެ.