ރެއެކޭ އެއްގޮތަށް މިރޭވެސް އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
ސޯޝަލް މީޑިޔާ ޕްލެޓް ފޯމް ޓްރުތުގައި ޓްރަމްޕް ކުރި ޕޯސްޓެއްގައި ބުނީ މާދުރުނޫން ހިސާބެއްގައި އިރާނުން ތެޔޮ ބޭރުކުރާ އެންމެ ބޮޑު މަރުކަޒު ގާއިމުކޮށްފައިވާ ކަރްގް އައިލެންޑް އެމެރިކާގެ އަތްދަށަށް ގެންނާނެކަމަށެވެ. އަދި ތެޔޮ ނަގާ އެހެން ކާރުޚާނާތައްވެސް އެމެރިކާގެ އަތްދަށަށް ގެންނާނެކަމަށާއި ވެނެޒުއޭލާގައި ކަންކުރި ގޮތަށް މުޅި އިރާނުގެ ތެލާއި ގޭހުގެ މާރކެޓް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެކަމަށެވެ.
މީގެއިތުރުން ޓްރަމްޕްގެ ޕޯސްޓުގައި ވަނީ އިރާނުގެ އަސްކަރިއްޔާ އެއްކޮށް ހަލާކުކޮށްލާފައިވާކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ.
ފޮކްސް ނިއުސް އަށް ދިން އިންޓަރވިއުއެއްގައި ޓްރަމްޕް ބުނެފައިވަނީ އެމެރިކާއިން އަންނަނީ އިރާނާއެކު މަޝްވަރާކުރަމުންކަމަށެވެ. ނަމަވެސް އިރާނުގެ ތެލާއި ގުޅޭ މައި މަރުކަޒު ހުންނަ ކަރްގް އައިލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ. އަދި އިރާނަށް ދޭ ހަމަލާތަކުގައި ބްރިޖްތަކާއި ޕަވަރ ޕްލާންޓްތަކަށް ހަމަލާދޭން ބޭނުންނުވާކަމަށްވެސް ބުންޏެވެ. ނަމަވެސް އެއަށްވުރެ ފުޅާކޮށް ބާރުގަދަ ހަމަލާތަކެއް އެމެރިކާއިން އިރާނަށް ދޭނެކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
އެމެރިކާއިން ރޭގައިވެސް ވަނީ އިރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އެމެރިކާއިން ރޭގައި އިރާނަށް ދިން ހަމަލާތައް ކަރްގް އައިލެންޑަށްވެސް އަމާޒުކޮށްފައިވެއެވެ.
އިރާނުން ބުނަމުން އަންނަނީ މިގޮތަށް ހަމަލާދީގެން އެމެރިކާ ބޭނުންވާ ކަންކަން ހާސިލުނުވާނެކަމަށެވެ. އަދި ބަދަލުގައި ރައްދު ހަމަލާދޭނެކަމަށްވެސް އިރާނުން އަންނަނީ ބުނަމުންނެވެ. އިރާނުން ވަނީ އެމެރިކާއިން ދިން ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބޭސްތައް ހުރި ގައުމުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ.