އެމެރިކާއިން އިރާނަށް ރޭ ދިން ހަމަލާތަކުގެ ބަދަލުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދީފައިވާކަމަށް އިރާނުގެ އިސްލާމިކް ރިވޮލިޔުޝަނަރީ ގާރޑް ކޯރޕްސް (އައިއާރުޖީސީ)ން ބުނެފިއެވެ.

އައިއާރުޖީސީން ބުނީ ކުވައިތު، ބަހުރެއިން އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދީފައިވާކަމަށެވެ. ރޭގައި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކާއި ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ އިރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދީފައިވާކަމަށާއި މިއީ އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއްކަމަށެވެ.

އެމެރިކާއިން ދިން ހަމަލާތަކާއެކު ބާރުގަދަ އަޑުފަށްގަނޑެއް އިރާނުގެ ދެކުނުގެ ސަރަހައްދުން އިވިގެންދިޔަކަަށް އިރާނުގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ހަމަލާބަދަލުކުރުން މެދު ކަނޑާލުމަށް އޭޕްރީލް 8 ވަނަ ދުވަހު ވީ އެއްބަސްވުމާއެކު ހަމަލާ ބަދަލުކުރުން ދާއިމަށް މެދުކަނޑާލުމުގެ މަޝްވަރާތައް އެމެރިކާ އާއި އިރާނާ ދެމެދު އަންނަނީ ހިނގަމުންނެވެ. ނަމަވެސް މިމަޝްވަރާތައް އަދިވެސް ވަކި ކޮޅެއްގައި ނުޖެހެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ ހަމަލާދިނީ މަޝްވަރާތަކުން އެއްބަސްވުމަކާ ހަމައަށް ނާދެވޭތީކަމުގައެވެ. މަޝްވަރާތަކުގައި މާގިނަ ދުވަސް އިރާނުން ނަގަނީ ގަސްތުގައިކަމަށާއި އެއީ އޭގެ ފައިދާ އިރާނަށް ކުރާކަމެއްކަމަށް ޓްރަމްޕް ބުނެއެވެ. އެހެންކަމުން އެކަމުގެ އަގު އިރާނުން އަދާކުރަންޖެހޭކަމަށްވެސް ޓްރަމްޕް ބުނެއެވެ.

އެމެރިކާއިން އިރާނަށް ދިން ހަމަލަތަކުގެ ބަދަލުގައި އިރާނުން އެސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދިނުމުގެ އިތުރުން އިރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފައެވެ. އިރާނުގެ އޮފިޝަލުން ވަނީ ހުރިހާ ބޯޓުތަކެއްވެސް އެކަނޑުއޮޅިއާ ދުރުގައި ތިބުމަށް އެދިފައެވެ. އައިއާރުޖީސީން އިތުރަށް ބުނީ އެންގުމާއި ޚިލާފަށް އެކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ބޯޓަކަށް އަމާޒުކޮށް ހަމަލާދީފައިވާކަމަށެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ހޮރުމުޒް ކަނޑުއޮޅީގައި އިރާނާއި އެމެރިކާގެ އަސްކަރިއްޔަ އާ ދެމެދު ހަމަލާބަދަލުކުރުންތައް ރޭގައި ކުރިޔަށްގެންގޮސްފައިވެއެވެ. އެމެރިކާއިން ރޭގައި އިރާނަށް ދިން ހަމަލާތަކުގައި އިރާނުގެ އައްސޭރިފަށާއި ގުޅުންހުރި ސަރަހައްދުގެ 7 ތަނަކަށް ވަނީ ހަމަލާދީފައެވެ.

މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ނާންނަމަ ބާރުގެ ބޭނުންކޮށްގެން އިރާނު ކުޑަކަކޫ މައްޗަށް ތިރިކުރުވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަނީ ބުނަމުންނެވެ. ނަމަވެސް އިރާނުން ބުނަމުން އަންނަނީ އެމެރިކާއިން ދައްކާ ބިރަށް ނުސިހޭނެކަމަށާއި އަމާން ނުދޭނެކަމަށެވެ.