8 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އިމުރުން 29 އަހަރުގެ މުހައްމަދު މުސްތާކް ޖަމާލް އާއި އުމުރުން 26 އަހަރުގެ ސިރަޖުދީން ރަޝިތާ) އާއި ލ.ގަން / މުކުރިމަގު ،ފޭރުގަސްދޮށުގެ އުމުރުން 33 އަހަރުގެ އަޙްމަދު އަފްރާޙް އާއި ކ.މާލެ / ހ.ކަހަފަތި އުމުރުން 42 އަހަރުގެ އިލްޔާސް އަޙްމަދުގެ އިތުރުން ކ.މާލެ / ގ.ހޭޅި ، އުމުރުން 36 އަހަރުގެ ޙަސަން ޝަމްޢޫންއެވެ.

މި ފަސްމީހުންނަކީ އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިމަހުގެ 9 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން ކަސްޓަމްސް އިން ބުނެފައިވަނީ އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 8.4 ކިލޯ ހުރި އިރު އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާ އަށްވުރެ އިތުރުވާނެ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށްބަލާ ތަހުގީގު ކުރަމުންނެވެ.