ޑިއުޓީގައި އުޅުއްވަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ހޯދުމަށް ހިންގި އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިން ދެ ޑައިވަރުންނަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ޝުކުރު އަދާކުރައްވައިފިއެވެ.

މި އޮޕަރޭޝަނުގައި އެހީތެރިވެފައި ވަނީ ކ. ގާފަރު، ބްލޫ ހެވަން، އަޙްމަދު ފައިޞަލް އާއި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދެވެ. މި ދެ ޑައިވަރުންނަކީ، މި މަހުގެ 11 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ފުލުހުންގެ ލޯންޗު 57 ގައި ރަސްމީ ޑިއުޓީގައި އުޅުނު ފުލުހަކު ގެއްލުމާ ގުޅިގެން، އެ އޮފިސަރު ހޯދުމަށާއި ހަށިގަނޑު ރިކަވަ ކުރަން ކުރެވުނު މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރި ދެ މީހުންނެވެ.

ވަޒީރާއި، ކޮމިޝަނަރ މިއަދު ވަނީ އެ ދެ ޑައިވަރުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ނާޒުކު ވަގުތުގައި އަމިއްލައަށް އިސްނަންގަވައިގެން އެހީތެރިވެދެއްވި ކަމަށްޓަކައި، އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި ފުލުހުންގެ މުއައްސަސާގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ، ދިމާވާ ހާދިސާތަކުގައި ދިވެހި މުޖުތަމައުން ފެންނަ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަން އެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި، ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކާއި، އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް އެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

އާސިފް ނިޔާވިއިރު އޭނާގެ ރޭންކަކީ ސީނިއާ ސާޖެންޓް ކަމުގައިވިޔަސް، އޭނާ ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އޭނާއަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކް ވަނީ އަރުވާފައެވެ.