ނަސަންދުރަ ކައިރި ޖެޓީ ސަރަހައްދަށް ފެރީތައް ކައިރި ކުރަން ވަގުތީ ހުއްދައެއް އެމްޓީސީސީން ދީފިއެވެ.

އެމްޓީސީސީން ކުރި ޕޯސްޓެއްގައި ބުނީ، ޕޯސްޓު އޮފީހާއި ކުރީގެ ނަސަންދުރާއާ ދެމެދުގައިވާ ޖެޓީ ސަރަހައްދަށް ފެރީ ލަފައި، ފަސިންޖަރުން އެރުމަށާއި ފޭބުމަށް މިހާރު ވަނީ ވަގުތީ ގޮތުން ހުއްދަ ދީފައިކަމަށެވެ.

އެގޮތުން މި ހުއްދަ ދީފައިވީ ނަމަވެސް، އެ ސަރަހައްދުގައި މަގު ހެދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ، އެއްގަމު އުޅަނދުފަހަރު ވަނުން ވަނީ މަނާކޮށްފައެވެ.

އެ ޕޯސްޓާއެކު ފެރީ އޮޕަރޭޓުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދު އަންގައިދޭ ޗާޓެއް އެ ކުންފުނިން ވަނީ ހިއްސާކޮށްފައެވެ.

މިގޮތުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް 1650 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ވަނީ ބަންދުކޮށްފައެވެ.

މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ދުވާރު ފުޅާކޮށް ހަތަރު ލޭނު ގާއިމުކުރުމުގެ މަސައްކަތްވެސް ހަލުއިކަމާއެކު އަންނަނީ ކުރަމުންނެވެ.