ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ހަފްލާގެ ހޯސްޓް ޕްރޮޕަޓީގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސާ އެކަމުގެ ރަސްމީ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާއި ކްރޮސްރޯޑްސް މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.

ވިޒިޓް މޯލްޑިވްސް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ކަމަށެވެ. އަދި ކޮރޮސްރޯޑްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސައި ލެގޫން މޯލްޑިވްސް އަދި ކްރޮސްރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑާ ޓްރޭގާ ކަމަށްވެސް ބުނެއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ 2026 ރާއްޖޭގައި ބޭއްވުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ކުރީސަފުގައި ރާއްޖެއަށް ލިބިފައިވާ މަގާމާއި ބައިނަލްއަގްވާމީ މާކެޓުގައި ރާއްޖެއަށް އޮތް މަގްބޫލުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ހިއްސާދާރުންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ހިދުމަތްތައް އިތުރަށް ދައްކާލުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން, ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރަހީމް ޝިއުރީ ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މިފަދަ ޝަރަފުވެރި އެވޯޑު ހަފުލާއެއް އަލުން ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ޝިއުރީ ވިދާޅުވީ، ބައިނަލްއަގަވާމީ ފެންވަރުގައި މިހާ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ރަސްމިއްޔާތެއް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް މަގުބޫލުކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

މީގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީ ފެންވަރު ރަމްޒުކޮށްދޭ ރަސްމިއްޔާތަކަށްވާއިރު، މިފަދަ ބައިނަލްއަގުވާމީ ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ހޯދާފައިވާ މަގާމު ދެމެހެއްޓުމަށް ލިބިގެންދާ ބޮޑު ބާރެއް ކަމަން ޝިއުރީ ފާހަގަކުރެއްވިއެވެ.

2026 ވަނަ އަހަރުގެ އެވޯޑް ހަފްލާ ރާއްޖެއަށް ގެނައުމުގައި ކްރޮސްރޯޑްސް މޯލްޑިވްސް އާއި ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެއްބާރުލުމާއި ގާތްކަމަށް ވިޒިޓް މޯލްޑިވްސްއިންވަނީ ޝުކުރު އަދާކޮއްފައިއެވެ.

މި ގުޅުމަކީ ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ދާއިރާގެ ހިއްސާދާރުންގެ މެދުގައި އޮންނަ ގުޅުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއްކަށް ވީއެމްސީން ގަބޫލުކުރެއެވެ. އަދި މިފަދަ ބައިވެރިވުންތަކަކީ މާކެޓް ފުޅާކުރުމަށާއި، ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ކަމަށް އެކުންފުނިން ބުނެއެވެ.