ވިލިމާލޭގެ ފުނަވައު ސަރަހައްދުގައި ހިންގާ ހައުސިންގ މަޝްރޫޢާ ގުޅިގެން ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން ހައުސިން މިނިސްޓްރީއަށް ދިޔަނަމަވެސް މިނިސްޓަރުގެ މަސައްކަތްޕުޅުތައް ހުރިގޮތުން މިއަދު ބައްދަލުކުރެވިފައި ނުވާކަމަށެވެ.

މީގެ އިތުރުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިނިސްޓަރާ ބައްދަލުކުރަން ދިޔައީ، ވިލިމާލޭގެ ފުނަވައު ސަރަހައްދުގައި، ހައުސިން ޕްރޮޖެކްޓެއް ކުރިއަށްގެންދާތީ، އެ ކަމާ ގުޅިގެން، އާންމު ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްކަމަށެވެ.

އާޒިމް ވިދާޅުވީ ވިލިމާލެ ފުނަވައުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ސިޓީ ކައުންސިލުން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، އެއީ ސީދާ ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެއްކަމަށެވެ.

ހަމަމިއާއެކު އެ ސަރަހައްދުގައި ޕްރޮޖެކްޓް ހިންގުމުގެ ސަބަބުން ފުނަވައުއަށް ގެއްލުން ލިބެމުންދާތީ، އެ ކަމުގެ ކަންބޮޑުވުން މިނިސްޓަރާ ހިއްސާކުރަން ބޭނުންވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. ނަމަވެސް މިއަދު ޖަވާބު ލިބުނީ، މިނިސްޓަރު ބިޒީކޮށް އުޅުއްވާތީ ބައްދަލުކުރެވެން ނެތް ކަމަށް،"

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މި ބައްދަލުވުމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ބުނެފައިވަނީ، އަންނަ ހަފްތާގެ ތެރޭގައި ބައްދަލުވުމަކަށް ވަގުތު ދޭނެކަންކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އަންނަ ހަފްތާގައި ވެސް މިނިސްޓަރާ ބައްދަލުކުރުމަށް މިނިސްޓްރީއަށް ދާނެ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ވިލިމާލޭގެ ތިމާވެއްޓަށް ކުރިމަތިވާ މައްސަލަތަކާމެދު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓައިނުލާނެކަމަށެވެ.