މާލެއާއި ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅައިފައި އޮތް 20 އުޅަނދެއް ޖޫރިމަނާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލެ އާއި ވިލިމާލެ ފަޅުތެރޭގައި، ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް އަޅައިފައި އޮތް 20 އުޅަނދެއް، އެ ކައުންސިލުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ އުޅަނދުތަކަކީ، ފަޅުތެރެ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށާއި، އާންމު އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ކުރެވުނު މަސައްކަތުގެތެރެއިން ފާހަގަކުރެވުނު އުޅަނދުތަކެއް ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ހާބާ އެންޑް މެނޭޖްމަންޓް ސެކްޝަނުން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި، ވިލިމާލެ ފުލުހުންގެ ޔުނިޓުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ވިލިމާލެ ފަޅުތެރެ ޗެކްކޮށް، ބެލިއިރު، ހުއްދަ ނުނަގައި އަޅައިފައި އޮތް 17 އުޅަނދެއްގައި ސްޓިކާ ޖަހައި ޖޫރިމަނާކޮށްފައިވާ ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.
އެ ކައުންސިލުން ބުނީ މާލެ ސިޓީގެ ވިލިމާލެ ފެރީގެ ނިޒާމަށް ދަތިވާގޮތަށް މާލެ ދެކުނު ހާބަރު (ސުނާމީ ބިނާ ސަރަހައްދު) ގައި ގަވާއިދާ ހިލާފަށްއަޅައިފައި އޮތް ތިން އުޅަނދެއް ވެސް ޖޫރިމަނާކޮށްފައިވާ ކަމަށާއި، އެ އުޅަނދުތަކުގެ ސަބަބުން ފެރީ ދަތުރުތަކަށް ބުރޫއަރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ދަނީ ފަޅުތެރޭގެ ތަރުތީބު ހިފެހެއްޓުމަށާއި، ގަވާއިދާ ހިލާފަށް އުޅަނދު ފަހަރު އެޅުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.