ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ފުލުހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖޫން 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާއިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ދަނީ ބަލަމުން ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ޖޫން 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަން ފާހަގަކޮށް ފުލުހުން ބުނީ އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.