ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓު ނުވަތަ އެކްސްޕޯޓު ކުރާ ކާބޯތަކެތި ނުބައިކޮށް ލޭބަލްކުރާނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އާ ގަވާއިދެއް އެކުލަވައިލައިފިއެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މޯލްޑިވް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ރާއްޖޭގައި އުފައްދާ ތަކެއްޗާއި އެކްސްޕޯޓުކުރާ ކާބޯތަކެއްޗަށް ހާއްސަކޮށްގެން "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދު" ނެރެ އަމަލުކުރަން ފަށާފައެވެ.
އިއްޔެ ނެރުނު އެ ގަވައިދުގައި ވަނީ އެއްފަހަރު ބޭނުންކޮށްގެން އުކާލާ ޕޮލިއިތެލީން ޓެރެފްތަލޭޓް (ޕީއީޓީ) ފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުން ވެސް މަނާކޮށްފައެވެ. އޭގެ އިތުރުން، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދާ ހިލާފުވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތް ވަނީ ހަދާފައެވެ.
އެގޮތުން މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި، ލައިސެންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުން ހިމެނެއެވެ.
އަދި އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ވިއްކައިފި ނަމަ 10،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވެއްޖެ ނަމަ 10،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭއިރު، ފަސް ފަހަރަށް ވުރެ ގިނައިން ކުށް ތަކުރާރުކޮށްފި ނަމަ 1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވާ ކަމަށްވެސް އާ ގަވާއިދުގައި ވެއެވެ.
ހަމައެހެންމެ، ބަންދުކުރުމުގެ މިންގަނޑާ ހިލާފުވާ ނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭނެއެވެ.
މިގޮތުން ކުށުގެ ސީރިއަސް ކަމަށް ބަލައި ފުރަތަމަ ފަހަރު ވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް އޮންނާނެއެވެ.
މީގެ އިތުރުން އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ނަމަ، އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ ވެސް އުފުލޭނެއެވެ.
އަލަށް އެކުލަވާލި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން ޢަމަލުކުރަމުން އައި "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު" އުވިފައިވީ ނަމަވެސް، މިހާރު ބަންދުކޮށް ލޭބަލްކޮށްފައިވާ ތަކެތި އާ މިންގަނޑަށް ފެއްތުމަށްޓަކައި ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.