މަސްތުވާތަކެތީގެ މައްސަލަތައް ތަހުޤީގުކުރުން ހަރުދަނާކުރުމަށް އައު ޤަވައިދެއް އެކުލަވާލައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވައިދުގެ ދަށުން މަސްތުވާތަކެތީގެ މައްސަލައެއްގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމަށް ހުއްދަ ދިނުމާއ،ި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގައި ސަބްސްޓިޓިއުޓެއް ބޭނުންކުރުމާއި، ކޮންޓްރޯލްޑްޑެލިވަރީ ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރުން ހިމެނެއެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހި ދޭންއެންގޭނެ ހާލަތްތަކާއ،ި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރީކަމަށް ބެލެވޭނެހާލަތްތަކާއ،ި ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ތަޙުލީލުކުރުމަށް ޓަކައި ގެންދަންޖެހޭތަނަކަށް ގެންދިޔުމުގައި ޢަމަލުކުރާނެ ގޮތްތައް މި ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮންޓްރޯލްޑް ޑެލިވަރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފުލުހުންގެ އިސް އޮފިސަރެއްގެ ޚާއްސަ ހުއްދައެއް ލިބިގެންނެވެ. ކޮންމެ އޮޕަރޭޝަނަކަށްވެސް ވަކިވަކިން ހުއްދަ ހޯދަންޖެހޭއިރު، އެ ހުއްދަ ދިނުމުގައި މައްސަލައިގެ ތަފުސީލަށާއި، އޮޕަރޭޝަން ހިންގުމުގެ މުހިންމުކަމަށާއި، ބައިވެރިވާ އޮފިސަރުންނާއި، ސަލާމަތީ ކަންކަމުގެ އިތުރުން ތަހުގީގަށް ލިބޭނެ ކުރިއެރުމަށް ރިއާޔަތްކުރަންޖެހެއެވެ.

ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމާ ގުޅޭގޮތުން، ސާމްޕަލް ދޭންޖެހޭ ފަރާތަށް އެކަން އެންގުމާއި، ސާމްޕަލް ނެގުމާއި، އެ ރައްކާތެރިކަމާއެކު އުފުލުމާއި، ތަހުލީލުކުރުމަށް ރަސްމީ ލެބޯޓްރީއަށް ހުށަހެޅުމުގެ ނިޒާމެއް މި ގަވާއިދުން ގާއިމުކުރެއެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ލެބޯޓްރީއަކުން ސާމްޕަލް ތަހުލީލުކުރުމަށް އެދުމުގެ ފުރުސަތު ސާމްޕަލް ދޭ ފަރާތަށް ލިބިގެންވާކަން ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދު ޝާއިއުކުރުމާއެކު މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމުގައި އަމަލުކުރަންވީ ސާފުގޮތް އެންމެހައި ފަރާތްތަކަށް އެނގިގެންދާނެއެވެ.