ޖަޕާނުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ކައުންސިލްތަކާ ހަވާލުކުރަން ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރަ މެނޭޖްމަންޓުން މިއަދު ބުނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ފަސް ރަށެއްގެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ރަށްތަކަކީ ރ. އިނގުރައިދޫ، ކ. ކާށިދޫ، މ. މުލައް، އއ. ފެރިދޫ އަދި ތ. ކަނޑޫދޫ އެވެ.
ެެއެންޑީއެމްއޭ އިން ބުނީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބިފައިވާ 40 ޕަންޕު، ފުރަތަމަ ބުރުގައި 20 ރަށަކަށް (ކޮންމެ ރަށަކަށް 2 ޕަންޕާއި އެކްސެސެރީޒް) ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ރަށްތައް ކަނޑައެޅުމުގައި ބަލާފައި ވަނީ، މީގެ ކުރިން މި އޮތޯރިޓީން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށް ބަލައިގެން ކަމަށެވެ.
މި މަޝްރޫޢަކީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތެރޭގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން، އެންޑީއެމްއޭ އިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އެންޑީއެމްއޭ އިން ވަނީ ދެވަނަ ބުރުގައި ޕަންޕު ފޯރުކޮށްދެވޭނެ ރަށްތައްވެސް ހާމަކޮށްފައެވެ.
އޭގެ ތެރޭގައި 15ރަށެއް ހިމެނެއެވެ.
އެ ރަށްތަކަކީ:
ހއ. އިހަވަންދޫ
ހއ.ދިއްދޫ
ހއ.އުލިގަން
ހދ.ނެއްލައިދޫ
ނ.މާފަރު
ރ.ފައިނު
ބ.ކުޑަރިކިލު
ޅ.ނައިފަރު
ކ.ގާފަރު
ތ.ބުރުނީ
ދ.ހުޅުދެލި
ފ.މަގޫދޫ
ފ.ބިލެއްދޫ
ގދ.ހޯޑެއްދޫ
ގދ.ކަނޑުހުޅުދޫ