ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ކާމިޔާބު ނުވިޔަސް ކުރެވުނީ ކާމިޔާބު މަސައްކަތެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ކެމްޕޭން މެނޭޖަރެއްގެ ދައުރު އަދާކުރެއްވި ރާފިއު މިހެން ވިދާޅުވީ ރޭ ޕީއެންސީގެ މައި ޖަގަހައިގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އިލެކްޝަނުގެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރި ބުރަ މަސައްކަތުން ހާމަވަނީ، ޕީއެންސީގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމަށެވެ.

އިލެކްޝަން އެ ޕާޓީއަށް ކާމިޔާބު ނުކުރެވުނު ނަމަވެސް ކުރެވިގެން ދިޔައީ ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ.

އަދި ކުރެވިގެން ދިޔަ މަސައްކަތަކީ ކުރިއަށްދާން އޮތް ރާސްތާ ވަރަށްބޮޑަށް ސާފުވެގެން ދިޔަ ކަމެއްގެ ގޮތުގައި ވަޒީރު ރާފިއު ވަނީ ސިފަކުރައްވާފައެވެ.

ނިމިދިޔަ އިލެކްޝަނުން ހާމަވެގެން ދިޔައީ އިތުރަށް މަސައްކަތްކޮށްފިނަމަ އެއަށްވުރެ ބޮޑެތި ކާމިޔާބީތައްވެސް ހާސިލުކުރެވިގެންދާނެ ކަން ކަމަށް ރާފިއު ވިދާޅުވިއެވެ.

"އާދެ މި މަސައްކަތްތައް މިހާބޮޑަށް އަޅުގަނޑުމެންނަށް ކުރެވިގެން މިދިޔައީ ޕާޓީގެ ލީޑާޝިޕުން ދެއްވި އެއްބާރުލުމުން. އެހެންވީމާ އެކަމަށްޓަކައި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ވަރަށް ޚާއްސަ ޝުކުރެއް މި ފުރުސަތުގައި ދަންނަވަން."

ވަޒީރު ރާފިއު

ރާފިއު ވަނީ ކެމްޕޭނު ޓީމުގެ ނަމުގައި އެ ޕާޓީގެ ލީޑާޝިޕުން ދެއްވި އެއްބާރުލުމަށް ޝުކުރުދަންނަވާފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ކޮންމެ ފިކުރެއްގެ މެންބަރަކު ހުއްޓަސް ޕީއެންސީ އިން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ފައިދާއާއި ރާއްޖޭގެ ކުރިއެރުމަށް ކަމަށެވެ.

ހަމައެހެންމެ މަސައްކަތްކުރާނީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފައިދާ ލިބޭނޭ ގޮތަށް ކަމަށާއި އެއީ ޒުވާނުންގެ ބާރުވެރިކަމުގައިވީ ނަމަވެސް ކޮންމެ މެންބަރެއް ހުއްޓަސް މި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ ގާތުން ކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.