މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ފަހު ގްރޫޕް ރޭ މާލެ އައިސްފިއެވެ.

ދިވެހި ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އައިސްފައި ވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

އަމީރު މުޙައްމަދު ބިން އަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޯޓަށް ދަތުރުކުރި މި ފްލައިޓް ޖައްސާފައިވަނީ ރޭ 10:40 ހާއިރުއެވެ. ެއެ ފްލައިޓްގައި 261 ޙާޖީން ވަނީ އައިސްފައެވެ.

ރާއްޖެއިން މި ފަހަރު ޙައްޖަށްދިޔަ ކޮންމެ ގްރޫޕެއް ސައުދީގައި 3 ހަފުތާ ހޭދަކޮށްފައިވާއިރު، މައްކާގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ އިތުރުން މަދީނާގައި 2 ދުވަސް ހައްޖުވެރިން މަޑުކުރިއެވެ.

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި މި މަހުގެ 5 ވަނަ ދުވަހު ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ވަނީ ސައުދިއާ އެއަރލައިންގެ ފްލައިޓެއްގައި ރާއްޖެ އައިސްފައެވެ. އަދި މި މަހުގެ 7 ވަނަ ދުވަހު ޙައްޖުވެރިންގެ ދެވަނަ ފްލައިޓު ވަނީ އައިސްފައެވެ. ހައްޖުވެރިންގެ ތިންވަނަ ފްލައިޓު ރާއްޖެ އައިސްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގައެވެ.

އެއަރޕޯޓުން ޙައްޖުވެރިންނަށް އަވަހަށް އުޅަނދުތައް ހޯދުމަށާއި އަދި ހައްޖާޖީންގެ ދާގީނާ އުފުލުމާއި އެހެން ކަންކަމުގައި އެމްއޭސީއެލްއާ އިދާރާތަކުގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އައިސްފައި ވާއިރު ޙައްޖު ކޯޕަރޭޝަނުގެ އިންތިޒާމުތަކާއެކު މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއެކު ފުރިހަމައަށްކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

މި އަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ގޮސްފައިވެއެވެ.