ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ދިވެހި ޙައްޖުވެރިންގެ ތިންވަނަ ގްރޫޕް ރާއްޖެއަށް އައިސްފިއެވެ.

ޙައްޖުވެރިންގެ ތިންވަނަ ފްލައިޓް ނައްޓާލީ ސައުދީ ގަޑިން 09:00 ގައެވެ. ލަންކާއަށް ޓްރާންސިޓްކުރުމަށްފަހު، ހައްޖުވެރިން ރާއްޖެ އައިސްފައި ވަނީ ރޭ 8:40 ހާއިރުއެވެ.

އެ ފްލައިޓުގައި 271 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ތިންވަނަ ފްލައިޓްގެ ޙައްޖުވެރިން މަދީނާއިން ރާއްޖެއަށް ދަތުރުކުރީ ސައުދިއާ އެއާލައިންގެ ފްލައިޓެއްގައެވެ.

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި މި މަހުގެ 5 ވަނަ ދުވަހު ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ވަނީ ސައުދިއާ އެއަރލައިންގެ ފްލައިޓެއްގައި ރާއްޖެ އައިސްފައެވެ. އަދި މި މަހުގެ 7 ވަނަ ދުވަހު ޙައްޖުވެރިންގެ ދެވަނަ ފްލައިޓު ވަނީ އައިސްފައެވެ.

ހައްޖުވެރިންގެ ފަހު ފްލައިޓު ރާއްޖެ އަންނާނީ މިރޭގެ ވަގުތެއްގަ އެވެ. މޯލްޑިވިއަންގެ ފްލައިޓްގައި ކުރާ މި ދަތުރުގައި، ފްލައިޓް ބޭއްވުމަށް ތާވަލުކޮށްފަވަނީ ސައުދީ ގަޑިން ހަވީރު 04:00 ގައެވެ. އަދި ރާއްޖެ އާދެވޭނެކަމަށް ލަފާކުރެވެނީ ރާއްޖެގަޑިން ރޭގަނޑު 12 ޖަހާކަށްހާއިރުއެވެ.

ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް އަދި ޕާކިންއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ ނުވަތަ އެއާޕޯޓުގެ ބަސް ބޭނުންކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ގޮސްފައިވެއެވެ.