މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަސް އިންސައްތަ ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 970،000 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއް މިލިއަން ފަތުރުވެރިން ވަނީ އައިސްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހު 30،000 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު، މިދިޔަ އަހަރުގެ ޖޫން މަހު 40،000 ފަތުރުވެރިން އައިސްފައިވެ އެވެ. އެހެންކަމުން މި މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 26 އިންސައްތަ ދަށް އަދަދެކެވެ.

މީގެއިތުރުން، މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ އިންސައްތައަށް ދަށްވިއިރު، އޭޕްރީލް މަހު އައި ފަތުރުވެރިންގެ އަދަދު ވަނީ 24 އިންސައްތައަށް ދަށްވެފަ އެވެ.

މިހާރު ދުވާލަކު ރާއްޖެ އަންނަނީ 6000 ފަތުރުވެރިންނެވެ.

މި އަހަރުގެ މާޗު މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެންނެވެ.

މި އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން ގާތްގަނޑަކަށް 150،000 ފަތުރުވެރިން އައި އިރު، ރަޝިއާއިން 130،000 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި އިނގިރޭސިވިލާތުން ވަނީ 80،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އައިސްފައިވެ އެވެ. މިއަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.