ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ، ހިމަބިހި ނުވަތަ މީސްލްސް ޖެހިފައިވާ 15 މީހަކު ފެނިފަައިވާ ކަމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 4 ވޭދަނަ މާލެ ސަރަަހައްދުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް އެ ބަލީގެ 15 ވޭދަނަ ރިޕޯޓް ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

އެޗްޕީއޭއިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ.

މިގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. އެކަމަކު އޭގެ ފަހުން ދޭތެރެ ދޭތެރެއިން އެ ބަލީގެ ވޭދަނަތައް ދަނީ ފެންނަމުންނެވެ.