މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މިއަދު މަސް ގަންނަނީ ކިލޯއެއް 20 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން މިކަން ހާމަކޮށްފައި ވަނީ "އެކްސް"ގައި ކުރި ޕޯސްޓެއްގައެވެ.

މި ދުވަސްވަރު މަސްވެރިންގެ އަތުން މަސްގަންނަ އަގުތަކަށް ބަދަލު އަންނަމުންދާނެކަމަށް މިފްކޯއިންވަނީ މީގެ ކުރިން ބުނެފައެވެ.

އެގޮތުން މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރަކަށް ވުމާއެކު މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މަސް ގަންނަ އަގުތަކަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.

އާދިއްތަ ދުވަހު މިފްކޯއިން މަސް ގަނެފައިވަނީ ކިލޯއެއް 18.50 ރުފިޔާއަށެވެ.

ނަމަވެސް މިފްކޯއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ހުރިހާ ސެންޓަރުތަކުންނާއި ބޯޓުފަހަރުން މިއަދު ކަޅުބިލަމަސް ގަންނާނީ 20 ރުފިޔާއަށް ކަމަށެވެ.

މިފްކޯގެ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގެ އިތުރުން ގދ. ތިނަދޫ، ގދ.ފަރެސް މާތޮޑާ، ގދ. ގައްދޫ، ފުވައްމުލައް ސިޓީ އަދި ހއ އިހަވަންދޫ ބަނދަރުން މިއަދު މަސް މިއަގުގައި މަސް ގަންނާނެއެވެ.

މިގެނައި ބަދަލާއެކު، ކަޅުބިލަ މަސް ކިލޯއެއްގެ އަގު ވަނީ ފާއިތުވި ދެ ދުވަހާ އަޅާބަލާއިރު 1.50 ރުފިޔާ މަތިވެފައެވެ.

މިފްކޯއިން މަސައްކަތްކުރަނީ ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު މަތިކުރުމަށް މަސައްކަތްކުރުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.