މިދިޔަ ހަފްތާގައި އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ މިއަދު ނިޔާވެއްޖެ އެވެ.
ހިތަދޫ އެޅެދީދީ މަގުގައި މިދިޔަ އާދިއްތަ ދުވަހު ހިނގި މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ހިތަދުއަށް އުފަން ރަމީޒް އަބްދުﷲ އެވެ.
މި އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ވީޑީއޯއެއް މީސް މީޑިއާގައި ދަނީ ދައަރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ، ބާރު ސްޕީޑުގައި ނުބައި ފަޅިން ދުއްވާފައި ދިޔަ ސައިކަލެއް ރަމީޒް ދުއްވާފައި ދިޔަ ސައިކަލުގައި ޖެހިގެންނެވެ.
މި ހާދިސާގައި ރަމީޒުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
ރަމީޒަށް ފުރަތަމަ ފަރުވާދީފައި ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގަ އެވެ. އެއަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެމުން ދިޔައީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އެ ހޮސްޕިޓަލުގައި އޭނާގެ ސިނކުޑީގެ އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ.
އޭނާއަށް އެޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.