މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުޅުވި "ކާމް ރޫމް" އަކީ، އެއާޕޯޓުގެ އިންކްލޫސިލް ހިދުމަތުގެ ދަތުރުގައި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލްއިން ވަނީ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން "ބޮލި" އިނިޝިއޭޓިވްގެ ދަށުން ވީއައިއޭގައި ކާމް ރޫމެއް، ހުޅުވައިފަ އެވެ. ވީއައިއޭގެ ޓާމިނަލް 1 ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކާމް ރޫމް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ.
މި ކާމް ރޫމް ހުޅުވައިދެއްވަމުން އެމްޑީ ޝަރީފް ވިދާޅުވީ، ވީއައިއޭ އަކީ ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ އެމްއޭސީއެލްގެ އަމާޒެއް ކަމަށެވެ.
މީގެއިތުރުން، ކާމް ރޫމް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސް އާއި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ދިން އެހީތެރިކަމަށް ޝަރީފް ޝުކުރު އަދާކުރެއްވިއެވެ.
މިއީ ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް، އެމީހުންގެ ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، އަޅާލުމާއި އިހުތިރާމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި އެމްއޭސީއެލް އިން ފާހަގަކުރެ އެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ޚިދުމަތް ވީއައިއޭގެ ޓާމިނަލް 2 އާއި ސީޕްލޭން ޓާމިނަލަށްވެސް ފުޅާކުރުން ކަމަށެވެ. އަދި މިއީ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ މާހައުލެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތް ހާމަކޮށްދޭ، މުހިންމު މަސައްކަތެއް ކަމުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.