އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފި އެވެ.
އީސީން އާންމު ކޮށްފައިވާ ރަސްމީ ނަތީޖާގައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކަމިޔާބު ކޮށްފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ސޯބެ މި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު އަހްމަދު ސައީދު(ސޮޑާ) އާއި ވާދަކުރައްވައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވި ސޯބެ އަށް 1,375 ވޯޓު ލިބިވަޑައިގަތްއިރު، ޕީއެންސީގެ ސައީދަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. މި އިންތިހާބުގެ ނަތީޖާ އެމްޑީޕީ ކޮޅަށް އެނބުރުނީ މާލޭގައި ބެހެއްޓި ފޮށިތަކުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121 އަށް އަރާ އިރު، އިންތިޚާބުގައި ވޯޓުލާފައިވަނީ 2730 މީހުންނެވެ. އެއީ 66.2 އިންސައްތައެވެ. ޞައްހަ ވޯޓުގެ ގޮތުގައި 2688 ވޯޓެއް ގުނާފައިވާއިރު ބާތިލުވެފައިވަނީ 42 ވޯޓެވެ.
މިއިންތިޚާބު ސޯބެ ކާމިޔާބުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރާ މެމްބަރުންގެ އަދަދު މިވަނީ 12ން 13އަށް އިތުރުވެފައެވެ. އަދި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރާ މެމްބަރުންގެ އަދަދު ވަނީ 75ން 74ށް ދަށްވެފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ ގޮނޑި ކުރިން ތަމްސީލުކުރެއްވި މުހައްމަދު ސިނާން އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް ނުދެއްކުމުގެ ސަބަބުން، މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.