ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާގެ ގޮތުގައި އުނިކޮށްފައިވާ ފައިސާ ޕެންޝަން ސްކީމަށް ޖަމާނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލާގައި ކުޑޫ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް، ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ކުޑޫ ވިދާޅުވީ، ވެމްކޯ ގެ މުވައްޒަފުންގެ މުސާރައިން ޕެންޝަންގެ ގޮތުގައި އުނިކުރާ ފައިސާ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާނުކޮށް 19 މަސް ދުވަސް ވެފައިވާ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ވެމްކޯއިން އެންމެ ފަހުން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައި ކަމަށް ކުޑޫވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން މިހާތަނަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާކަމަށާއި، އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކުވެސް ޕެންޝަނަށްވާ ފައިސާ އުނިކުރަމުންދާކަން ކުޑޫ ވަނީ ފާހަގަ ކުރައްވާފައެވެ.

ކުޑޫ ވިދާޅުވިގޮތުގައި، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާގެ ގޮތުގައި އުނިކުރާ ފައިސާ ޕެންޝަން ސްކީމަށް ޖަމާނުވާ މައްސަލައާ ގުޅިގެން، 13 ޖެނުއަރީ 2026 ގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވަނީ، އެ ކޯޕަރޭޝަނުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުންގެންދަނީ ކޯޕަރޭޝަނަށް ލިބޭ އާމްދަނީގެ އިތުރުން ސަރުކާރުން ދޭ ސަބްސިޑީގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ ލިބިފައިނުވާތީ، މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، ކޯޕަރޭޝަނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ދިމާވާ މާލީ ދަތިކަމަކީ، މުވައްޒަފުންގެ އަސާސީ ޙައްޤުތަކާއި ޤާނޫނީ އިލްތިޒާމުތައް ހިފެހެއްޓުމަށްޓަކައި ދެއްކޭނެ ޤާނޫނީ ހުއްޖަތެއް ނޫން ކަމަށް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ.

ކުޑޫ ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގެ ދަށުން، ޕެންޝަން ލިބުމުގެ ޙައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށާއި. މި ޙައްޤު ހިމާޔަތްކުރުމަށްޓަކައި 'ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން، ވަޒީފާދޭ ކޮންމެ ފަރާތަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ ގަވާއިދުން ދެއްކުމަކީ ލާޒިމްކޮށްފައިވާ އިލްތިޒާމެއް ކަމަށެވެ.

މީގެ އިތުރުން، ރިޓަރމަންޓް ޕެންޝަން ސްކީމުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި އެ ފައިސާ ސްކީމަށް ޖަމާކުރުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެއް ކަމަށް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ކުންފުނީގެ މުވައްޒަފުންގެ އަދަދު ކިތަންމެ ގިނަ ނުވަތަ މަދުވި ކަމުގައިވީނަމަވެސް، މި ޒިންމާއިން ބަރީއަވުމުގެ ފުރުސަތެއް ޤާނޫނު ފަހިކޮށްދީފައެއް ނުވާކަން ފާހަގަ ކުރައްވާ ކުޑޫ ވިދާޅުވީ، މި ފައިސާ ޤަވާއިދުން ޖަމާނުކުރުމުގެ ސަބަބުން، ޕެންޝަން ފަންޑުން މުވައްޒަފުންނަށް ލިބެންޖެހޭ އިންވެސްޓްމަންޓް ފައިދާއާއި، ގެދޮރުވެރިކަމުގެ ލޯނުތަކަށް ޕެންޝަން ފަންޑު ރަހުނުކުރުން ފަދަ ޒަރޫރީ މާލީ މަންފާތަކުން މުވައްޒަފުން ދަނީ މަހްރޫމްވަމުން ކަމަށެވެ.

އެހެން ކަމުން ކުޑޫ ވަނީ، މިއީ އެތައް ސަތޭކަ މުވައްޒަފުންގެ އަސާސީ ޙައްޤުތަކާއި، ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނަޒާހަތްތެރިކަމާ ސީދާ ގުޅިފައިވާ ނާޒުކު މައްސަލައަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ މެދުވެރިކޮށް މިކަން ބައްލަވައިދެއްވުމަށް މަޖިލިސް ރައީސް ޢަބްދުއްރަޙީމްގެ އަރިހުން އެދިފައެވެ.

އަދި މީގެ އިތުރުން މި މައްސަލައިގައި ވެމްކޯއާއި ޕެންޝަން އޮފީހުގެ އިސްވެރިން ޒިންމާދާރުކުރުވައި، ނުދައްކާ ހުރި ފައިސާ ވީ އެންމެ އަވަހަކަށް ޖަމާކޮށް ނިންމާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް އެ ކޯޕަރޭޝަނަށް އެންގުމަށް ވެސް ކުޑޫ ވަނީ މަޖިލިސް ރައީސްގެ އަރިހުން އެދިފައެވެ.