މި ސަރުކަރުގެ ދެފުށްފެނުމަކީ ހަމަ އެކަނި ސިޔާސަތެއްގެ ގޮތުގައި އޮތް ކަމެއް ނޫން ކަމަށާއި، މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ އާއްމު އިތުބާރާއި ޑިމޮކްރަސީގެ އުސޫލުން ސަރުކާރު ހިންގުމުގެ މައިގަނޑު އަސާސް ކަމުގައި ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ އިދާރާތަކުގެ އިތުރުން ރައީސް އޮފީހުން ކޮންމެހެން ހާމަކޮށްފައި ހުންނަންޖެހޭ މައުލޫމާތު ހުރިހާ އިދާރާތަކަކުންވެސް އެ ހުރިހާ މައުލޫމާތެއް މިހާރު އާންމުކޮށްފައިވާކަން ހާމަކޮށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާހިދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިދާރާތަކުން އަމިއްލަ އަށް އިސްނަގައިގެން އާންމުކުރަން ޖެހޭ މައުލޫމާތު 100 ޕަސެންޓު ރައީސް އޮފީހާއި ސަރުކާރުގެ 16 މިނިސްޓްރީއަކުން މިހާރު ހާސިލުކޮށްފައިވާ ކަމަށެވެ.
މި ޕޯސްޓާއި ގުޅިގެން ރައީސް މުއިޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް ރައީސް އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ގާނޫނުގައި އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ސައްތައިން ސައްތަ ހާމަކޮށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މި މައުލޫމާތަކީ ކުރިން އާއްމުންނަށް ވާސިލުވެވޭ ގޮތަށް ފެންނަން ނެތް މައުލޫމާތުކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މި މައުލޫމާތުތައް ހާމަކުރެވުމަކީ ދެފުށްފެންނަ ގޮތަށް ވެރިކަން ހިންގުމާއި، ރައްޔިތުންނަށް މައުލޫމާތަށް ވާސިލުވެވޭ މިންވަރު އިތުރުކުރުމާއި، ޖަވާބުދާރީވުން ހަރުދަނާކުރުމުގެ މަގުގައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެހެންކަމުން ރައީސް ވަނީ މިކަމަށްޓަކައި ނުހަނު އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްދެއްވި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށާއި ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި މުވައްޒަފުންނަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.
އަދި މިއަދު ސަރުކާރުން އަލުން އަޒުމް ކަނޑައަޅަނީ މި މުހިންމު މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށާއި، ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ދައުލަތުގެ މައުލޫމާތުތައް ރައްޔިތުންނަށް ލިބޭނެ މަގު އިތުރަށް ފަހިކޮށްދީ، ސަރުކާރުގެ ހަރަކާތްތަކުގައާއި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން މިއަށްވުރެ ބޮޑަށް އިތުރުކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ފާސްކޮށް އަމަލުކުރަން ފެށީ 2014 ވަނަ އަހަރު އެވެ.