ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޒަމީރު އިސްތިއުފާދެއްވިކަން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ވީނިއުސް" އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މީގެއިތުރުން ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފްވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މިއިން އެއްވެސް ފަރާތަކުން ޒަމީރު އިސްތިއުފާދެއްވި ސަބަބެއް ހާމައެއްނުކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭގެފަހުން ފިނޭންސް މިނިސްޓަރުކަމަށް ބަދަލުކުރެއްވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ.
ޒަމީރަކީ މި ސަރުކާރުގެ މުހިންމު މިނިސްޓަރެކެވެ. އެގޮތުން މިފަހުން ކެބިނެޓަށް ގެންނެވި ބަދަލާއެކު ފިނޭންސް މިނިސްޓްރީގެ މެންޑޭޓް ވަނީ އިތުރަށް ފުޅާކޮށް ޕަބްލިކް އެންޓަރޕްރައިސަސް ހިމަނުއްވާފައެވެ.
މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ޗެއަރ އަކީވެސް ޒަމީރެވެ. މީގެއިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް އަކީވެސް ޒަމީރެވެ.
ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ޒަމީރު ވަނީ ފަހުގެ ތާރީޚުގައި ރާއްޖެއިން ދައްކަން ޖެހިފައިވާ ބޮޑެތި ދަރަނިތައް ދައްކަވާފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު ދައްކަންޖެހިފައިވާ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖެއިން ދައްކާފައިވާއިރު ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައިވާ ރޭޓިން ވެސް ވަނީ މަތިކޮށްފައެވެ.
ޒަމީރަކީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފައިވެއެވެ.