އިރާނާ އިސްރާއީލާ ދެމެދު ހަމަލާބަދަލުކުރުންތައް އަލުން ފެށުމާއެކު ރަތް ކަނޑުގައި އިސްރާއީލުގެ އެއްވެސް ބޯޓަކަށް ދަތުރުނުކުރެވޭނެކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އިރާނުން ވަނީ ރޭގައި އިސްރާއީލަށް ހަމަލާދީފައެވެ. އޭގެބަދަލުގައި އިސްރާއީލުންވެސް ވަނީ އިރާނަށް ހަމަލާދީފައެވެ. އިސްރާއީލުގެ ހަމަލާތައް އިރާނަށް އަމާޒުވުމާއެކު ޔަމަނުން ވަނީ އިސްރާއީލަށް އަމާޒުކޮށް މިސައިލް ހަމަލާދީފައެވެ.

ޔަމަނުގެ އަސްކަރިއްޔާއިން ބުނީ ދިން ހަމަލާތައް އިސްރާއީލުގެ މުހިންމު ތަންތަނަށް އަމާޒުވެފައިވާކަމަށެވެ. އަދި ރަތް ކަނޑުގައި އިސްރާއީލުގެ އެއްވެސް އުޅަނދަކަށް ދަތުރުނުކުރެވޭނެކަމަށާއި ޒަޔަނިސްޓު ދައުލަތަށް ނިސްބަތްވާ ކޮންމެ އުޅަނދަކީ އަސްކަރީ ޓާގެޓެއްކަމަށްވެސް ބުނެފައިވެއެވެ.

ޔަމަނު އަސްކަރިއްޔާގެ ސްޕޯކްސްމަން ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސަރީ ހޯމަ ދުވަހު ވިދާޅުވީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިމެއްކަމުގައިވާ ޔަފާ ސަރަހައްދަށް ޔަމަނުން ފޮނުވާލި ހަމަލާތައް އަމާޒުވެފައިވާކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލެއް ނުދެއްވައެވެ. މީގެއިތުރުން ރަތް ކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ ކޮންމެ އުޅަނދަކަށް ޔަމަނުގެ އަސްކަރިއްޔާއިން ހަމަލާދޭނެކަމަށްވެސް ވިދާޅުވިއެވެ.

ހަމަލާތައް ކުރިޔަށްދާވަރަކުން ޔަމަނުން ދޭ ހަމަލާތައް ވަރުގަދަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. އިސްރާއީލާއި އެމެރިކާއިން އިރާނާ ދެކޮޅަށް ހަމަލާދެމުންދާނަމަ ޔަމަނުން އިސްރާއީލަށް ހަމަލާދެމުންދާނެކަމަށްވެސް ވިދާޅުވިއެވެ.

އިރާނުން ދިން ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން އިރާނަށް ހަމަލާދިނުމާއި ގުޅިގެން އިރާނުންވެސް އަންނަނީ ރައްދު ހަމަލާތައް އިސްރާއީލަށް ދެމުންނެވެ. އަދި މަޝްރަހު އަންނަނީ އިތުރަށް ހޫނުވަމުންނެވެ.