ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސީސީސީ- ކްރެޑިޓް ރޭޓިން ދީފިއެވެ.

ބީއެމްއެލަށް ފިޗުގެ ސްޓޭބަލް އައުޓްލުކާއެކު ސީސީސީ- ރޭޓިން ދީފި
ބީއެމްއެލަށް ފިޗުގެ ސްޓޭބަލް އައުޓްލުކާއެކު ސީސީސީ- ރޭޓިން ދީފި

ބީއެމްއެލްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ފިޗުން ބީއެމްއެލްއަށް ދީފައިވަނީ 'ސްޓޭބަލް އައުޓްލުކް' އާއެކު 'ސީސީސީ-' ގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިންއެއް ކަމަށެވެ.

ބީއެމްއެލްއިން ބުނީ ލޯކަލް ކަރަންސީ ލޯންގް ޓާމް ރޭޓިންގްގެ ގޮތުގައި 'ސީސީސީ+' ދީފައިވާއިރު، މިއީ ދައުލަތުގެ ރޭޓިންއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންއެއް ކަމަށެވެ.

ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ހުރީ ވަރުގަދަކޮށް ކަމަށް ފިޗުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ރޭޓިންގް ދީފައިވަނީ މިިދިޔަ އޭޕްރީލްގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައުލަތުން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ފިޗުން ފާހަގަކޮށްފައިވާ ގޮތުގައި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާއި ފޮރިން ކަރަންސީއާ ބެހޭ ގާނޫނު ތަންފީޒުކުރުމަކީ ވެސް ރާއްޖޭގެ ރޭޓިންގް މަތިވުމަށް ބާރުއެޅި ކަންކަން ކަމެވެ.

މީގެ އިތުރުން މި ރޭޓިންގްއަކީ ބޭންކުން މާކެޓުގައި ހޯދާފައިވާ ކުރިއެރުމާއި، ބޭންކުގެ ރައުސުލްމާލުގެ ވަރުގަދަކަމާއި، މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާގެ ރަނގަޅު ހެއްކެއް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވީ ކުދި ޖަޒީރާ ގައުމެއްގައި އިގުތިސާދީ ގޮންޖެހުންތަކާއެކު ވެސް ބޭންކުން ދަމަހައްޓަމުންދާ ސާބިތުކަން މިކަމުން ދޭހަކޮށްދޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ މުހިންމު މާލީ އިދާރާގެ ހައިސިއްޔަތުން، ދެމިތިބޭނީ ކަސްޓަމަރުންނަށް އެހީތެރިވެ، ގައުމީ އިގުތިސާދީ ތަރައްގީއަށް އެއްބާރުލުންދީ، މާލީ ގޮތުން އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމުގައިކަމަށެވެ.

ބޭންކުގެ ހަރުދަނާ ރިސްކް މެނޭޖްމަންޓާއި، ރަނގަޅު ކެޕިޓަލް މެނޭޖްމަންޓަކީ ބޭންކުގެ މާލީ ހާލަތު ދައްކުވައިދޭ މުހިންމު ސަބަބުތަކެއް ކަމަށް ފިޗުން ދެކެއެވެ.

ރާއްޖޭގެ ބޭންކުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވެސް ފިޗުން ރިއާޔަތްކޮށްފައިވެއެވެ. އަދި އެ ގޮންޖެހުންތަކާއެކު ވެސް ބީއެމްއެލްގެ ވަރުގަދަ ޑިޕޮސިޓް ބޭސްއާއި ލިކުއިޑިޓީ މެނޭޖްމަންޓުގެ ސަބަބުން ބޭންކުން އަންނަނީ ހަރުދަނާކަމާއެކު މަސައްކަތް ކުރަމުންނެވެ.

ޖުމްލަގޮތެއްގައި، ފިޗްގެ މި ރޭޓިންގްތަކުން ފެނިގެންދަނީ ބޭންކުގެ އަމިއްލަ މާލީ ހާލަތު ރަނގަޅުކަމާއި، މާކެޓުގައި އޮތް ވަރުގަދަ މަގާމެވެ.