ލުބުނާންގެ ބެއިރޫތަށް އިސްރާއީލުން ހަމަލާދެމުންދާތީ އިރާނުން ކުއްލިގޮތަކަށް އިސްރާއީލަށް ދިން ހަމަލާތަކުގެ ބަދަލުގައި، ރައްދު ހަމަލާނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލަށް އެންގުމުންވެސް އިރާނަށް ހަމަލާދީފިއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ އިން އިރާނަށް ދިން ކުއްލި ހަމަލާތަކާއެކު ފެށި ހަނގުރާމަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. މިއެއްބަސްވުމުގެ ދަށުން އިރާނުންވެސް އިސްރާއީލަށް ހަމަލާދެމުންނުދާއިރު އިސްރާއީލުންވެސް އިރާނަށް ހަމަލާދެމުން ނުދެއެވެ. ނަމަވެސް އިސްރާއީލާއި އެމެރިކާއިން އިރާނަށް ހަމަލާދޭން ފެށުމުން ހަނގުރާމައިގެ ތެރެއަށް ވަތް ލުބުނާނާ އެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބެލުމެއްނެތި އިސްރާއީލުން އަންނަނީ ލުބުނާނަށް ކޮންމެ ދުވަހަކުކަހަލަ ގޮތަކަށް ހަމަލާދެމުންނެވެ. އެކަމާއި ގުޅިގެން އިރާނުން އަންނަނީ އިސްރާއީލަށް ހަމަލާދޭނެކަމުގެ އިންޒާރު ދެމުންނެވެ.

އެންމެފަހުން ރޭގެ ވަގުތެއްގައި އިރާނުން ވަނީ އިސްރާއީލަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. އިރާނުގެ އަސްކަރިއްޔާއިން ބުނީ އިސްރާއީލުން ދެކުނު ބެއިރޫތާއި ލުބުނާންގެ ދެކުނު ސަރަހައްދަށް ދެމުންދާ ހަމަލާތަކަކީ ރަތް ރޮނގުކަމަށެވެ. އަދި އެސަރަހައްދަށް ހަމަލާދީ އިސްރާއީލުގެ އުދުވާން ފުޅާކުރާނަމަ އިރާނުން ރައްދުގައި ހަމަލާދޭނެކަމަށް ވަނީ ބުނެފައެވެ. ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގައި ވަނީ ހުރިހާ ދިމާލަކުންވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުންކަމަށާއި އޭގެތެރޭގައި ލުބުނާންވެސް ހިމެނޭކަމަށް ވަނީ ބުނެފައެވެ.

އިސްރާއީލުން ބުނެފައިވަނީ އިރާނުން ދިން މިސައިލް ހަމަލާތައް އިންޓަރސެޕްޓްކުރެވިފައިވާކަމަށެވެ. ނަމަވެސް އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އިރާނުން ފޮނުވާލި މިސައިލްތަކުގެ ތެރެއިން ބައެެއް މިސައިލްތައް ވަނީ އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ވެއްޓިފައެވެ.

އިރާނުގެ އިސްލާމިކް ރެވޮލިޔުޝަނަރީ ގާރޑް ކޯރޕްސް (އައިއާރުޖީސީ)ން ބުނެފައިވަނީ އިރާނުން ރޭގައި ފޮނުވާލި ބެލެސްޓިކް މިސައިލް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އުތުރުގައި އޮންނަ ހައިފާ އާ 20 ކިލޯމީޓަރު ކައިރީގައި އޮންނަ ރާމަރު ޑޭވިޑް އެއަރ ބޭސް އަށްކަމަށެވެ. އައިއާރުޖީސީން އިތުރަށް ބުނީ ރޭގެ ހަމަލާތަކަކީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާއި އެމެރިކާއިން އިރާނުގެ ޕޯޓުތައް ބަންދުކުރުމަށް ކުރަމުންދާ މަސައްކަތާއި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އެޅުމަށް ދެމުންދާ ހަމަލާތަކުގެ ބަދަލުގައި ދިން އިންޒާރެއްކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މިގޮތަށް އެމެރިކާ އާއި އިސްރާއީލުން ހަމަލާދޭނަމަ އިރާނުން ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމަށް ވަނީ ބުނެފައެވެ.

އިރާނުން އިސްރާއީލުން ދިން ހަމަލާތަކާއެކު ޓްރަމްޕް ވަނީ އިރާނުން ހަމަލާދިނުން ހުއްޓާލާ މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލާފައެވެ. އަދި އިސްރާއީލުން ބެއިރޫތަށް ދެމުންދާ ހަމަލާތަކާމެދު ހިތްހަމަނުޖެހޭކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަށް ގުޅާ އިރާނަށް ރައްދުގައި ހަމަލާނުދޭން ބުނާނެކަމަށްވެސް މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން އެޝިއޮސްގެ ރިޕޯޓަރ ބަރަކް ރޭވިޑް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަނގުރާމަ ހުއްޓާލުމަށް އިރާނާއެކު ކުރިޔަށްދާ މަޝްވަރާތައް ހުއްޓުމަކަށް އައިސް އެކަންނުވާނެ ގޮތެއް ވުމަށް ޓްރަމްޕް ބޭނުންނުވާކަމަށް ބުނެފައިވާކަމަށެވެ. އަދި އިރާނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ކައިރިވެފައިވާކަމަށްވެސް ޓްރަމްޕް ބުނިކަމަށް ބަރަކް ގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އިރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށާއި އުންމީދުކުރަނީ އިސްރާއީލުން ބަދަލުގައި އިރާނަށް ހަމަލާނުދޭނެކަންކަމަށް ޓްރަމްޕް ބުނެފައިވާކަމަށް އެޝިއޮސް އިން ވަނީ ރިޕޯޓްކޮށްފައެވެ. ނަތަންޔާހޫ އިރާނަށް ހަމަލާދީފިނަމަ ފާއިތުވި 47 އަހަރު ދިޔަގޮތަށް ނުވަތަ ފާއިތުވި 3000 އަހަރު ކަންކަން ދިޔަގޮތަށް ދާނެކަމަށް ޓްރަމްޕް ބުނިކަމަށްވެސް އެނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

އިރާނުން ކުއްލި ގޮތަކަށް ދިން ވަރުގަދަ ހަމަލާތަކާއެކު އިސްރާއީލުގެ އަސްކަރިއްޔާގެ ސްޕޯކްސްޕާސަން ބުނެފައިވަނީ އިރާނުން މިހެދީ ވަރަށް ބޮޑު ގޯހެއްކަމަށެވެ. އަދި މުޅި ލުބުނާންގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާނެކަމަށާއި އިތުރު ހަމަލާތައްވެސް ލުބުނާނަށް ދޭނެކަމަށް ވަނީ ބުނެފައެވެ.

އަދި އިސްރާއީލުން ވަނީ އިރާނަށް މިސައިލް ހަމަލާތައް ފޮނުވާލާފައެވެ. އައިއާރުޖީސީން ބުނީ އިސްރާއީލުން އިރާނަށް ފޮނުވާލީ ވައިގެ ތެރެއިން ދޫކޮށްލި ބެލެސްޓިކް މިސައިލްތަކެއްކަމަށެވެ. އިރާނުގެ އާއިއާރުއެންއޭ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި ހަމަލާތައް އަމާޒުވެފައިވަނީ މީހުން ދިރިނޫޅޭ ހިސާބުތަކަށެވެ. އިސްރާއީލުން ވަނީ އިރާނުގެ މައި ތިން ސަރަހައްދަށް އަމާޒުކޮށް މިސައިލް ފޮނުވާފައެވެ. އެއީ ވެރިރަށް ތެހެރާން އާއި އިސްފަހާން އަދި ތަބްރިޒް އެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް އިރާނުގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.