"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވާން ބާކީ 7 ދުވަސް ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނީ މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ހުރިހާ ސްކީމްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުން ގަޑިއަކީ ޖޫން 15 ވަނަ ދުވަހުގެ 23:59 ގައި ކަމަށެވެ.

އެ ވުޒާރާއިން ވަނީ ފޯމު ހުށަހެޅުމުގެ ކުރިން ފުރިހަމަކޮށްފައިވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމުގެ ފޯމުކަން ޔަގީން ކުރުމަށާއި، ލިޔުންތަކާއި، ހުށަހަޅާ މައުލޫމާތުތައް ފުރިހަމަކޮށްފައިވަނީ ރަނގަޅަށްތޯ ސަމާލުވުމަށް އެދިފައެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން އަދި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.