އިމާރާތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމުރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ކ.، ވ.، އދ.، އއ.، ޅ. އަދި ބ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުން ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
އެގޮތުން އިމާރާތްކުރުމުގެ ހުއްދަ ނެގުމާއި، ކުރެހުންތައް ފާސްކުރުމާއި، ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާ ބެހޭ މައުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދާއި އެ ގަވާއިދުގެ ދަށުން ކުރެހުން ފާސްކުރުމާއި ހުއްދަތައް ދޫކުރާނޭގޮތާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ ތަފުސީލީ މައުލޫމާތުވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.
މީގެ އިތިުރުން އެ ވުޒާރާއިން ބުނީ މިއީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އާންމުން އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ހޭލުންތެރިކުރުވުމަށް އެ ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.