ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނީ، 15 ޖޫން ގައި ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.
މަޖިލިސް އިދާރާއިން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނީ މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނީ، އަންނަ ހަފްތާގެ ހޯމަދުވަހުގައި ކަމަށެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ 1 ޖޫން ގައި އެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ މަޖިލީހުގެ ނައިބު ރައީސަކު އިންތިހާބު ކުރުމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުންނެވި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމާ ގުޅޭ ޖަލްސާ 31 މޭ ގެ 9 ޖަހާއިރަށް ތާވަލުކޮށްފައި އޮތް ނަމަވެސް އެ ޖަލްސާ ފެށެން ކުޑަ ވަގުތުކޮޅެއް އޮއްވާ އޭނާ ވަނީ، ތުހުމަތުތަކަށް އިންކާރުކުރައްވައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެހެން ކަމުން އެދުވަހުގެ ޖަލްސާ އިތުރަށް ކުރިއަށް ނުގެންގޮސް ވަނީ ނިންމާލާފައެވެ. އަދި ރިޔާސަތުން ވަނީ އެދުވަހުގެ މެންދުރު 1:00 އަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް އެ ޖަލްސާވެސް ލަސްކޮށް، ބާއްވާފައިވަނީ 1 ޖޫންގެ 9 ޖަހާއިރުއެވެ.