މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލުފުށިން ތިން މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބުލޫބެލް / ދ. ހުޅުދެލި، ޙަސަން ވަޙީދު (28އ) އާއި ޗަމްޕާޕޫލްގެ / ތ. ވިލުފުށި، މުސާ ފާތިކު (31އ) އާއި ހިރި / ތ. ތިމަރަފުށި، ޢާޞް އިބްރާހީމް (34އ) އެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ޖޫން 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

ފުލުހުން ބުނީ ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ވިލުފުށީ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 41.62 ގުރާމް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސަން ވަޙީދު (28އ) އާއި މުސާ ފާތިކު (31އ) 10 ދުވަހަށް ބަންދުކުރުމަށް އަދި ޢާޞް އިބްރާހީމް (34އ) 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.