މިހާތަނަށް ބޭއްވުނު އެއްވެސް ރިޔާސީ އިންތިޚާބެއް އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ކުރެވިފައިނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ކޯލިޝަނަކާ ނުލައި އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ގދ. ތިނަދޫ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވަނީ ކޯލިޝަނަކާ އެކު ވެރިކަމަށް ވަޑައިގެން އެއްބަސްވުންތަކާ އެއްގޮތަށް ކޯލިޝަންގައި ހިމެނުނު ޕާޓިތަކަށް މަގާމުތައް ދީފައިވާތީ އެ މަނިކުފާނަށް ޕާޓީގެ ތެރެއިން އަމާޒުވާ ފާޑުކިޔުމަކަށް ރައްދު ދެއްވާފަ އެވެ.
ސޯލިހް ވަނީ، ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އިންތިޚާބުވީ ހުރިހާ ސަރުކާރެއްވެސް ވެރިކަމަށް އައިސްފައިވަނީ ކޯލިޝަނަކުން ކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ޚުދު އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީން ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނަކުން ކަން ސޯލިހް ފާހަގަކުރެއްވިއެވެ.
ސޯލިހް ވިދާޅުވީ، އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް ރާއްޖެ ތަރައްގީކުރަން ބޭނުންވާ ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް އެމްޑީޕީން އަބަދުވެސް މަރުހަބާ ކިޔަންޖެހޭނެ ކަމަށެވެ. ސޯލިހް ވިދާޅުވީ މިހާރު އެމްޑީޕީގައި ތިބީ 60،000 އެއްހާ މެންބަރުން ކަމަށާ ނަމަވެސް، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި އިތުރަށް 91،000 އެއްހާ ވޯޓު ބޭނުންވާނެ ކަމަށެވެ.
މި ޖަލްސާގައި ރައީސް ސޯލިހް ވަނީ، 2018ވަނަ އަހަރު އޭރު ސޮއިކުރި ކޯލިޝަން އެއްބަސްވުމަށް އަލިއަޅުވައިލައްވައިފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން ޢަބްދުލްޤައްޔޫމާއި މުޙައްމަދު ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުالله އާ އެކީ ސޮއިކުރެއްވި އެއްބަސްވުމުގައި މަގާމުތައް ބަހާނެ ގޮތާއި ސަރުކާރު ހިންގާނެ ގޮތާއި މަޖިލީހުގެ މެންބަރުން ބަހާނެ ގޮތާ ހަމައަށް އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާނެ ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިޙު ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރެއްވީ ލީޑަރުން ސޮއިކުރެއްވި އެއްބަސްވުމާ އެއްގޮތަށް ކަމަށާއި އަމިއްލައަށް ބޭނުންވެގެން އެހެން ޕާޓީއަކަށް ދިން މަގާމެއް ނޯންނާނެ ކަމަށެވެ. އެ އެއްބަސްވުމުގައި މަޖިލިސް ބައިކުރާނެ ގޮތް އޮއްވައި، އެމްޑީޕީން އެ މާއްދާއަށް އަމަލުނުކުރަން ނިންމައި، ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ގައުމީ މަޖިލީހުން ނިންމުމުން، އެކަމަށް ތާއިދުކޮށް ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.