ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަނުގެ ނަތީޖާއާއެކު ރައީސް މުއިއްޒު ހުންނެވީ "ރަނގަޅަށް ބަލިވެފައި" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ފޯސްޓެއްގައިވަނީ ވެރިކަންކުރާ ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު ނަމަވެސް އުޅެނީ "އަނގައިން ބަލިނުވާން" ކަމަށެވެ.

"ބައެއް ފަހަރު ތަޅާ ފޮޅާއިރު ވާގޮތެއް އޮވޭ، ގަދަ މީހާ ޖަހާއިރަށް އަނގައިން ބަލިނުވާ މީހާ ބުނާނެ، 'ދެން ޖަހައިބަލަ'.. އެންމެ ފަހުން ހެސް ކިޔާފައި ކަންކަށީގައި ޖަހާ ވެއްޓުނީމާ ބުނާނެ، އައްދެ ކިރިޔާ ޖެހުނުކަމޭ،" އެ މަނިކުފާނު ލިޔުއްވައިފައިވެއެވެ.

އިދިކޮޅު އެމްޑީޕީން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ލިބުނުކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ހަމަ ރަނގަޅަށް ވެސް ބަލިވެވަޑައިގެންފައިވާ ކަމަށެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު(ސޯބެ) ކާމިޔާބު ކުރެއްވުމާއި ކުޅިގެން ކުރައްވާފައިވާ ޕޯސްޓެކެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ ގޮނޑި ކުރިން ތަމްސީލުކުރެއްވި މުހައްމަދު ސިނާން އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް ނުދެއްކުމުގެ ސަބަބުން، މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.