މިފްކޯގެ ހުރިހާ ސެންޓަރުތަކުން މަސް ގަންނަ އަގު 18:50ރ އަށް ބޮޑުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މިފްކޯއިން މީޑިއާ ގްރޫޕަށް ފޮނުވި ފޮޓޯ މެސެޖުގައެވެ.

މަސްވެރިން އަތުން 16ރ އަށްވުރެ ދަށް ނޫން އަގެއްގައި މަސް ނުގަންނާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސްގެ ވައުދާ އެއްގޮތަށް މިހާތަނަށް ވެސް މިފްކޯއިން މަސް ގަނެފައިވަނީ 16ރ އަށްވުރެ ބޮޑުކޮށެވެ.

މީގެކުރިން ވެސް މަސް ގަންނަ އަގަށް މިފްކޯއިން ބަދަލު ގެނެސްފައިވާއިރު ކުރިން މަސް ގަނެފައި ވަނީ 17ރއަށެވެ.

މިއަދު މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި މަސް ގަންނަ އަގު 18.50ރ އަށް ބަދަލުކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި މިފްކޯއިން ފާހަގަކޮށްފައި ވަނީ މި ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރުކަމުން މަސްވެރިންނަށް ގެއްލުން ނުވާނެ ގޮތަށް މަސް ގަތުންކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މަހަށް ފުރުން މިހާރަކަށް އައިސް ވަނީ ދަށްވެފައެވެ.

މަސްވެރިން އަތުން ހެޔޮ އަގުގައި މަސް ގަނެ 48 ގަޑިއިރު ތެރޭ ފައިސާ ދިނުމަކީ ވެސް މި ސަރުކާރުގެ ވައުދެކެވެ. މި ވައުދާ އެއްގޮތަށް ސަރުކާރުން އަންނަނީ މަަސްވެރިންނަށް ހެޔޮ ފަހި ފުރުސަތުތަށް ވެސް ހޯދައިދެމުންނެވެ.