ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އައްޑޫގައި ބެހެއްޓި ފޮށިތަކުން ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯއްދެވުމުން އެ ކާމިޔާބީން ލިބޭ ހިތްވަރަކީ 2028 ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުން ކަަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ އިންތިހާބު ސޯބެ ކާމިޔާބުކުރެއްވި އިރު ނަތީޖާ ބަދަލުކޮށްލީ މާލޭގައި ބެހެއްޓި ފޮށިތަކުންނެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ސޯބެއަށް ލިބިވަޑައިގަންނަވާފައިވަނީ 1375 ވޯޓެވެ. އެއީ 51.1 އިންސައްތައެވެ. އަހުމަދު ސައީދަށް ލިބިވަޑައިގަންނަވާފައިވަނީ 1313 ވޯޓެވެ. އެއީ 48.8 އިންސައްތަ ވޯޓެވެ.
އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ކެމްޕެއިން ޓީމުގެ މަސައްކަތަށް ތައުރީފު ހައްގު ކަމަށާއި ކެންޑިޑޭޓް ސައީދު ކުރެއްވި މަސައްކަތަށް ސާބަސް ދެއްވާ ކަމަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވަނީ މިދިޔަ މަހެއްހާ ދުވަހު ހިންގި ކެމްޕެއިންގައި ސައީދަށް ތާއީދު ހޯދައި ދިނުމަށް ދެ ބުރެއްގެ މަތިން އައްޑު އަށް ވަޑައިގެން ބުރަކޮށް މަސައްކަތްޕުޅު ކުރައްވައިފަ އެވެ. އެގޮތުން "ދޮރުންދޮރަށް" ހިންގަވައި ވަކިވަކި މީހުންނާ ވެސް ބައްދަލުކުރެއްވި އެވެ.
ބައި އިލެކްޝަން ވެރިކަން ކުރާ ޕީއެންސީއަށް ނާކާމިޔާބުވި ނަމަވެސް، ކުރެވުނު މަސައްކަތް ރަނގަޅު ކަމަސް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވެސް ވިދާޅުވެފައިވެއެވެ.
އެގޮތުން ވަގުތީ ނަތީޖާ އިއުލާނު ކުރުމުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރާފިއު ވިދާޅުވީ އެ ދާއިރާގައި ބެހެއްޓި ފޮށިތަކުން ޕީއެންސީއަށް މެޖޯރިޓީ ލިބުމުން ދައްކައިދެނީ ވަރަށް މުހިއްމު ގިނަގުނަ މަސައްކަތްތަކެއް ކެރެވުނުކަން ކަމަށެވެ. އަދި ކެމްޕެއިން ނިމުނު ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާފިއު އިތުރަށް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއާއި މުޅި ހިތަދޫގެ ލާބަޔާ މަންފާއަށް ޓަކައި ކުރާ މަސައްކަތްތައް ވެސް ކުރިއަށް އޮތް ތަނުގައި ފުޅާ ކުރާނެ ކަމަށާއި އޭގެ މަންފާ، ދާއިރާގެ ހުރިހާ އެންމެންނަށް ވެސް ލިބުމަކީ އެދޭ ކަމެއް ކަމެއް ކަމަށެވެ.