ރައީސުލުްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައި އިލެކްޝަނުގައި ނަތީޖާ ހޯއްދެވީ މުޅިދައުލަތް ލޫޓުވައިގެން ނޫން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝުޖާއު ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ އަކީ 3 ރައީސުން އެކުވެގެން ހޯއްދެވިނަތީޖާ ކަމަށާއި، އެހެން ނަމަވެސް ރައީސް މުއިއްޒު އެކަނި ހޯއްދެވި ނަތީޖާއިން ތަފާތު ކުރެވުނީ އެންމެ 62 ވޯޓުކަމަށެވެ.

އެގޮތުން ޝުޖާއު ވިދާޅުވީ، ރައީސް ޑރ މުއިއްޒު މިނަތީޖާ ހޯއްދެވީ އެމްޑީޕީގެ ވެރިކަމުގައި ބައި-އިލެކްޝަންތަކުގައި މުޅި ދަޢުލަތް ލޫޓުވާލި ގޮތަކަށް ނޫން ކަމަށާއި، ކޮމަންޑޫ އާއި ގުރައިދޫ ދާއިރާ އަށް މުޅިދައުލަތް އޮއްސާލެއްވި ގޮތަކަށް ނޫން ކަމަށެވެ. އަދި މިނަތީޖާ ޕީއެންސީން ހޯއްދެވީ އާސަންދަ/އެންސްޕާ ގެ ވެރިން ލެޕްޓޮޕްތައް ހިއްޕަވައިގެން ހިތަދޫ އަށް އަރުވާގެން ނޫން ކަމަށާއި، ވަޒީފާ ތަކާއި ޕްރޮމޯޝަންތައް އޮއްސައިގެނެއް ނޫން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އެހެން ކަމުން ހިތަދޫ އުތުރުދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން އެ 3 ރައީސުންނަށް މޮޅުތަކެއް ނުލިބޭ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި އެ ނަތީޖާއިން އެބޭފުޅުންނަށްވެސް ލިބޭނީ ޝޮކެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މި ބައި އިލެކްޝަނުގައި ރައީސް ޔާމީން އިންނެވީ ގޭގައި ކޯލްސެންޓަ ހައްދަވައިގެން ރައްޔިތުންނަށް ގުޅަން ކަމަށާއި، ރައީސް ނަޝީދާއި ރައީސް ސާލިހް ވަޑައިގެންނެވީ ހިތަދޫ ޑޯޓު-ޑޯ ހިންގެވުމުގައި ކަމަށެވެ.

އެހެން ނަމަވެސް ރައީސް ޑރ މުއިއްޒު އިންނެވީ ގައުމާއި ރައްޔިތުންގެ ހައްގުގައި 3 ރައީސުން ނެންގެވިހާ ލޯނު ދައްކަވައި ގައުމުގެ ރޭޓިން ރަގަޅުކުރެއްވުމަށް ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ކުރެއްވުމުގައި އަވަދިނެތި ޤައުމު ހިންގެވުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ސޯބެ އަށް 1,375 ވޯޓު ލިބިވަޑައިގަތްއިރު، ޕީއެންސީގެ ސައީދަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. މި އިންތިހާބުގެ ނަތީޖާ އެމްޑީޕީ ކޮޅަށް އެނބުރުނީ މާލޭގައި ބެހެއްޓި ފޮށިތަކުންނެވެ.

މިއިންތިޚާބު ސޯބެ ކާމިޔާބުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރާ މެމްބަރުންގެ އަދަދު މިވަނީ 12ން 13އަށް އިތުރުވެފައެވެ. އަދި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރާ މެމްބަރުންގެ އަދަދު ވަނީ 75ން 74ށް ދަށްވެފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ ގޮނޑި ކުރިން ތަމްސީލުކުރެއްވި މުހައްމަދު ސިނާން އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް ނުދެއްކުމުގެ ސަބަބުން، މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.